ބޭސް އެތެރެކުރުމަށް ކަނޑައަޅާފައިވާ އުސޫލުތައް ބަދަލުކޮށް، ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް އެތެރެކުރެވޭނެ މަގު ފަހިކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޞިއްޙަތާއި ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޞިއްޙަތާ ބެހޭ ވަޒީރު ވިދާޅުވީ ރާއްޖެއިން ބޭރުން ލިބެން ހުންނަ ކޮލިޓީ ބޭސް ރާއްޖެއިން ލިބެން ނުހުންނަ މައްސަލަ ޙައްލުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.
ވަޒީރު ވިދާޅުވީ ރާއްޖެއަށް ބޭސް އެތެރެކުރާއިރު ބޭހުގައި ހިމެނޭ ބައިތައް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއަށް އެނގެންޖެހޭކަމަށެވެ. އެހެންނަމަވެސް ބޮޑެތި ވިޔަފާރި ކުންފުނިތަކުން އެކި ސަބަބުތަކާ ހެދި އެކުންފުނީގެ ބޭހުގެ ކޮންޓެންޓް ހާމަކުރަން ބޭނުންނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖެ ސަރަހައްދުގަވެސް ކޮލިޓީ ބޭސް އުފައްދާ ބައެއް ޤައުމުތައް އެބަހުރިކަމަށެވެ. އެގޮތުން އިންޑިއާ ދުބާއީ އަދި މެލޭޝިއާގައިވެސް ރަނގަޅު ބޭސް އުފައްދާކަން ވަޒީރު ޑރ.ޚަލީލް ފާހަގަކުރެއްވިއެވެ.
ސިއްޙަތާއި ބެހޭ ވަޒީރު ވަނީ ރާއްޖެއަށް ބޭސް އެތެރެކޮށް ބޭސް ރައްކާކުރާ ތަންތަނުގައި ހުންނަންޖެހޭ ސްޓޯރޭޖް ކޮލިޓީ ނުހުންނަކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ރާއްޖެއަށް ބޭސް އެތެރެކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެ ރައްކާތެރިވެ ބޭސް ބަހައްޓަންޖެހޭ ފިނިހޫނުމިން ކަށަވަރުކުރުމަށް ވަޒީރުވަނީ އިލްތިމާސްކުރައްވާފައެވެ.