މާލެއަށް ބޯކޮށް ވާރޭވެހެމުންދާތީ އަމީނީ މަގު ހަދަން ބަންދުކޮށްފައިވާ ސަރަހައްދަށް އާންމުން ނުވަނުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އިލްތިމާސްކޮށްފިއެވެ.
މާލެއަށް ބޯކޮށް ވާރޭވެހެމުންދިއުމާ ގުޅިގެން މަސައްކަތް މަޑުޖައްސާލާފައިވާ އަމީނީމަގުގެ އެ ސަރަހައްދަކީ ހިނގާބިނގާވެ އުޅުމަށް އާންމުންނަށް ރައްކާތެރި ސަރަހައްދަކަށް ނޫންކަމަށް އާރްޑީސީން ވަނީ ބުނެފައެވެ.
އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރަމުން ދަނީ މަގު ކޮނެގެން ކުރަމުންދާ މަސައްކަތެވެ. އެގޮތުން ކޭބަލްތައް ވަޅުލުމާއި، ޕަންޕް ސްޓޭޝަންތައް ހެދުމާއި، ޕޭމަންޓް ކައިރީގައި ޖަހާފައި ހުންނަ ގައު ޖެހުން ފަދަ މަސައްކަތްދަނީ ކުރަމުންނެވެ. ބޯކޮށް ވާރޭވެހުމުގެ ސަބަބުން މިހެންހުރި ވަޅުގަނޑުތަކަށް ފެން އެޅި އާންމުންނަށް ގެއްލުން ވެދާނެތީ އެ ސަރަހައްދަށް ނުވަނުމަށް އާރުޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.