މިހާރު ކުރަމުންދާ ވިއްސާރާއިގައި, މާލެ ސިޓީގެ ބައެއް ގޭގެއަށް ފެން ވަނުން ހުއްޓުވުމަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތުގައި ސްޓެލްކޯއިންވެސް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ސްޓެލްކޯއިން ބުނީ ސްޓެލްކޯގެ ހެޑް އޮފީސް ހުންނަ ސަރަހައްދުގެ ބައެއް ގެތަކަށް ފެންވަނުން ހުއްޓުވުމަށްޓަކައި، އެކުންފުނީގެ މުވައްޒަފުން ވަނީ ވެލިބަސްތާ ޖެހުމަށް އެހީތެރިކަން ފޯރުކޮށްދީފައިކަމަށެވެ. އަދި ޕަމްޕު ތަކުގެ އެހީއާއެކު، އެ ކުންފުނީގެ އިންޖީނުގެތަކުގެ ޑީ-ވޯޓަރިންގ ނިޒާމް ބޭނުންކޮށްގެން، ސްޓެލްކޯގެ ހެޑް އޮފީސް ހުންނަ ސަރަހައްދުގެ ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރެވެމުންކަމަށެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ ރައްޔިތުންނަށް އެހީތެރިކަމަށް ބޭނުންވާ މިފަދަ ކޮންމެ ދަނޑިވަޅެއްގައި ސްޓެލްކޯގެ މުވައްޒަފުންގެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ. އަދި ސްޓެލްކޯގެ މުވައްޒަފުންނަކީ މިފަދަ ކަންކަމުގައި އަބަދުވެސް ނަމޫނާ ދައްކާ، އެއްބައިވަންތަ އަދި އެއްބައެއްވަންތަ މުވައްޒަފުންތަކެއްކަމަށް ފަހްމީ ވިދާޅުވިއެވެ.
ވެލި ބަސްތާ ޖެހުމުގައި ސްޓެލްކޯއިން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކޮށް ސޯޝަލް މީޑިއާގައި އާއްމު ރައްޔިތުން ވަނީ ޝުކުރު އަދާކޮށްފައެވެ.