މި ދައުރުގައި، އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންގެ މައްސަލަތައް ކުރިއަށްގެންދާނީ ހާއްސަ ސަމާލުކަމެއް ދީގެން: ސީޕީ އަލީ ޝުޖާއު

އަހުމަދު
ކިޔުމަށް ހޭދަވާނީ 3މ 55ސ
މި ދައުރުގައި، އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންގެ މައްސަލަތައް ކުރިއަށްގެންދާނީ ހާއްސަ ސަމާލުކަމެއް ދީގެން: ސީޕީ އަލީ ޝުޖާއު

އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންގެ މައްސަލަތައް ބަލަން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ކޮމިޝަނަރ ކަމުގެ މަގާމަށް އައްޔަން ވުމަށްފަހު ކުރައްވަން ނިންމާފައިވާ މަސައްކަތްތައް ހާމަ ކުރުމުގެ ގޮތުން  އިސްކަންދަރު ކޮށީގައި ދެއްވި ނިއުސް ބްރީފިން އެއްގައި، އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި މިހާރުވެސް ކަނޑައަޅާފައިވާކަން ފާހަގަކުރެއްވުމާއެކު އަލީ ޝުޖާއު ވިދާޅުވީ ދީނަށް ފުރައްސާރަ ކުރާ މީހުންގެ މައްސަލަތައް ބެލުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ ގާނޫނީ ގޮތުން ފުލުހުންނަށް ގިނަ ޒިންމާ ތަކެއް މަތިކޮށްފައިވާއިރު ރައްޔިތުންގެ ކަންބޮޑުވުންތައް ގުޅިފައިވާ ކަންކަން މީގެ ކުރިން އަޅާނުލައި ދޫކޮށްލެވިފައި ވެސް އެބަހުރިކަމަށެވެ. އެކަމަކު ކުރިޔަށް އޮތްތަނުގައި މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރައްވާނެކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އިސްލާމްދީނަށް ފުރައްސާރަ ކުރާމީހުންގެ މައްސަލަ ތަހުގީގުކޮށް އެފަދަ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދެއްވާނެކަމުގެ ޔަގީންކަން ސީޕީ ވަނީ ދެއްވާފައެވެ.

ރާއްޖޭގައި ދުވަސްދުވަސްކޮޅުން ކޮންމެވެސް ކަހަލަ ދީނީ ފުށުއެރުންތަކެއް ހުންނަ މައްސަލަތައް ފެންމަތިވެއެވެ. އޭގެ ތެރެއިންވެސް ނިމިގެން ދިޔަ ސަރުކާރުގައި މިފަދަ މައްސަލަތައް ދިމާވި އަދަދު ގިނަ ކަން ފާހަގަކުރެވެއެވެ.

އިންޑިއާ އެމްބަސީއާ ގުޅިގެން ދިވެހި ސަރުކާރުން ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ކުރިއަށް ގެންދިޔަ ހަރަކާތާ ގުޅިގެން އިހުތިޖާޖުކުރި ބައެއް މީހުން ހައްޔަރުކޮށް، ދީނަށް ފުރައްސާރަކުރާ މީހުންނަށް ފަސޭހައިން ރާއްޖެ ދޫކޮށް ފިލައިގެން ދެވެނީ ސީދާ ފުލުހުން އެކަމުގައި އިހުމާލުވާތީކަމަށް އޭރު ގިނަބަޔަކު ބުނަމުން ދިޔައެވެ.

އޭގެ ތެރެއިންވެސް "ކުރެދިކުރި"ގެ ނަމުގައި ހިންގަމުންދިޔަ ޓުވިޓާ އެކައުންޓުގެ މައްސަލަ ފާހަކޮށްލެވެއެވެ. އެއީ މާތް ﷲ އަށާއި ރަސޫލާއަށް ފުރައްސާރަ ކުރަމުންދިޔަ މީހެއްގެ ވަނަވަރު ކަމަށް ނޫސްވެރިން ފުލުހުންނާ ހިއްސާކޮށް، އޭނާ ފިލައިގެން ދާން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަން ވެސް ހިއްސާކޮށްފައިވެއެވެ. އެހެންނަމަވެސް އޭރު އެކަމަށް ފުލުހުންގެ ފަރާތުން އެކަމަށް ވަކި އެކަށީގެންވާ އެއްވެސް ޖަވާބެއް ނައިސް ވަނިކޮށް ދެން އިވުނީ އޭނާ ރާއްޖެ ދޫކޮށް ފިލި ހަބަރެވެ. ހަމަމިގޮތަށް މޫނުބުރުގާ އަޅައިގެން ހުންނަ އަންހެންބޭފުޅަކު ދީނީ ކަންކަން އޮޅުވައިލާ ސައިންސްގެ އަލީގައި ދީނޭ ކިޔައި، އިސްލާމްދީނަށް ފުށުއަރާ ވާހަކަތައް ދައްކަމުންދިޔަ އެކްސް އެކައުންޓެއްގެ މައްސަލަވެސް ވަނީ ވަޅުޖެހިގެންގޮސްފައެވެ.

އިސްލާމީ ހައްދު ހުދޫދުން ބޭރުވެ ކަނޑައެޅިގެން ދީނީ އުސޫލުތަކާއި ހަމަތަކަށް ގޮންޖެހުން ސޯޝަލްމީޑިޔާއިން ފެނިގެންދިޔަ މިންވަރު ބޮޑެވެ. ޓިކްޓޮކުން އެކަކުއަނެކަކަށް ދައްކާ ވާހަކަތަކުގެ ތެރޭގައި ކަނޑައެޅިގެން އިސްލާމްދީނަށް ޖޯކުޖަހައި ދީނުގައި ވާޖިބު ކުރައްވާފައިވާ ކަންކަމަކީ ހަޖޫ ޖަހާ ކަންކަމަށް ހަދައިގެން ވާހަކަ ދައްކާ ލައިވްތައް ފެންނަލެއް ވަކި މަދެއްނޫނެވެ. 

އޭގެ ތެރެއިންވެސް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމައަށް ފުރައްސާރަ ކުރުމާއި ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތުމާއި ﷲ ތަޢާލާގެ ކަލާމްފުޅަށް ކުޅުޖަހައި އެކަލާނގެ ވަހީ ބަސްފުޅަށް މަލާމާތްކުރުމުގެ އެކި ކަހަލަ ކަންތައް މި ނިމިގެންދިޔަ ސަރުކާރުގައި އެއްވެސް ފިޔަވަޅެއް ނޭޅި ފެންމަތިވެ، ނިމިގެން ގޮސްފައިވެއެވެެ.

އޭގެ ތެރެއިންވެސް މިސްކިތްތަކުގެ ހުރުމަތް ކެނޑުމަކީ އިންތިހާއަށް ގިނަވެގެންދިޔަ ކަމެކެވެ. ފިރިހެނުންނަށް ހާއްސަކޮށްފައި ހުންނަ ބައެއް މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުން ކުރާ އަންހެނުން ސަލާން ޖެހުމުގެ ނިޔަތުގައި އިށީނދެގެން ތިބޭ މަންޒަރާއި މަސްތުވެފައި ތިބޭ މީހުން ބޭނުންކުރާ ދާނަކަށް، ރޭގަނޑު ނިދާ ތަންމައްޗަކަށް މިސްކިތްތަކުގެ އެތެރެ ބޭނުންކުރާ މަންޒަރު އާންމުވެ ފިޔަވަޅެއް ނޭޅޭތަން ވަނީ ފެނިފައެވެ. އެންމެ ހިތްދަތި އަދި ބިރުވެރި ކަމަކަށް ފާހަގަވީ މިސްކިތްތަކުގައި ފާހިޝް އަމަލުތައް ކުރުމެވެ. އެގޮތުން މަސްތުވާތަކެތި ބޭނުން ކުރާ "އައްޑާ" އަކަށް މިސްކިތް ހަދައިގެން ތިބޭ މަންޒަރު ބައެއް ފަރާތްތަކުން ސޯޝަލްމީޑިޔާގައި ހިއްސާ ކޮށްފައިވެއެވެ. 

މިފަދަ އެތައް ކަމެއް ދިމާވިއިރު މިއިން އެއްވެސް ކަމަކަށް ފިޔަވަޅު އެޅިތަން ނުފެންނާތީ އާންމުންގެ ނުރުހުން އޭރު އޮތް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރަށް އަމާޒުވެގެން ދިޔައެވެ. 

ކަންމިހެން އޮއްވާ ނޫސްވެރިންގެ ބައްދަލުވުމުގަައި މިފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެންމަސައްކަތް ކުރާތަން މިދައުރުގައި ފެނިގެންދާނެކަމަށް ސީޕީ ވިދާޅުވުމަކީ ގިނަ ބައެއްގެ ހިތަށް ލިބިގެންދާނެ ހަމަޖެހުމެއްކަން ޔަގީނެވެ.

 

މިއަދު އޮންލައިން