ވެރިކަމާއި ޙަވާލުވެ ފާއިތުވި 40 ވަރަކަށް ދުވަހުގެ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދިނުން އެދި 4 ސިޓީ ފޮނުވައި އިތުރަށް އެތައް މުޢާމަލާތުތަކެއް ކޮށްފައިވާކަން ދިވެހި ޚާރިޖިއްޔާއިން ވަނީ ހާމަކޮށްފައެވެ. އަނބުރާ ގެންދާނެ ކަމަށް ބުނެއެވެ. ޢަމަލީ ސިފައެއް ނުގެނެއެވެ.
ފަހުގެ ތާރީޚުގައި އެއްވެސް މުއްދަތެއް ނެތް ގޮތަށް އިންޑިއާ ސިފައިން ރާއްޖޭގައި ބަނޑަހަ ޖަހާފައެއް ނުވެއެވެ. ނަމަވެސް އެމްޑީޕީއަށް 2008 ވަނަ އަހަރު ވެރިކަން ލިބުމާއިއެކު އެފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. ފުރަތަމަ ގެނައި ގެނައި ހެލިކޮޕްޓަރުވީ ހަކުރު ތިއްކަށެވެ. އެހިސާބުން މެހިޖައްސަންފެށީއެވެ.
މެހިތައް ގިނަވެގެން ދިއައެވެ. އެތައް ސަތޭކައިންނެވެ. ހާހުންނެވެ. ރައީސް އިބްރާހީމްގެ ވެރިކަމުގައި އެތައް މަސައްކަތެއްކުރުމުންވެސް ޢަދަދުހާމަނުކޮށް ސިއްރުކުރީ އެކަމުގައި ގިނަކަންތައްތަކެއް ފޮރުވަންކަން އެއީ ޝައްކުކުރަންޖެހޭ ކަމެއް ނޫނެވެ.
އިންތިޚާބު ކާމިޔާބުނުވެ ވެރިކަމުން ފައިބަންޖެހުމުން ޢަދަދު 89 އަށް ތިރިކޮށް އެއީ ޜާއްޖެ ދެމިއޮތްދުވަހަކު ބައިތިއްބާނެ އަދަދުކަމަށް ނިންމާފައިވާކަން ދޭހަވާ ސަބަބެއް ވެސް އެބައޮތެވެ. އެސަބަބަކީ "އިންޑިއާގެ 70 ވަރަކަށް ސިފައިން ރާއްޖޭގައި ބައިތިއްބަން ރައީސް ޑރ. މުޢިއްޒު ދެކޮޅު ނަހައްދަވާނެ" ކަމަށް ވިދާޅުވެ ރައީސް ޑރ. މުޢިއްޒުގެ ބޮލުގައި ތެތްގޯންޏެއް އަޅުއްވަން މަސައްކަތްކޮށްފައި އޮތުމެވެ.
މޯލްޑިވިއަން އިން ޑޯނިއާ ފްލައިޓްތައް ދުއްވާތާ އެތައް އަހަރެއް ވެއްޖެއެވެ. ޕައިލެޓުންނަކީވެސް އިންޖިނޭރުންނަކީވެސް ދިވެހިންނެވެ. އިންޑިއާއިން ފޮނުވައިގެން މިއުޅޭ ޑޯނިއާއަކީ ވަރަށް އާދައާޚިލާފް، ޑޯނިއާ މަރުކާގެ އެހެން ފްލައިޓްތަކުގައި ނެތް ފީޗާރސްތަކެއް ހިމަނައިގެން އުފައްދާފައިވާ ފްލައިޓެއް ނޫންނަމަ ދިވެހިންނަށް އެފްލައިޓް ނުބެލެހެއްޓެންވީ ސަބަބާއިމެދު ސުވާލު އުފެދެއެވެ.
މިއަދަކީ މީލާދީ އައަހަރު ފެށޭ ދުވަހެވެ. މިއަދު ރައްޔިތުންނަށް ރައީސް ޑރ. މުޢިއްޒު ފޮނުއްވި މެސެޖުގައިވެސް ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ބާލަން ރައްޔިތުން ބޭނުންވާކަން ފާހަގަކުރައްވައިފައެވެ.
މީލާދީ އައު އަހަރުގެ މުނާސަބަތުގައި ރައީސް ޑރ. މުޢިއްޒު ފޮނުއްވި ޚިޠާބުން:
ފާއިތުވި އަހަރަކީ ދިވެހީން ވަރަށް މުހިންމު ނިންމުންތަކެއް ނިންމި އަހަރެކެވެ. ވަރަށް ކުލަގަދަ ތަޞައްވުރުތަކެއް ކުރެހި އަހަރެކެވެ. ދިވެހިރާއްޖޭގައި ބޭރުގެ އެއްވެސް ޢަސްކަރީ ބާރެއް އޮވެގެންނުވާނެކަން ދިވެހީން ނިންމިއެވެ.
ދުނިޔޭގެ އެހެން ޤައުމުތައް ހާސިލުކުރާ ފަދަ ކުރިއެރުމާއި ތަހުޒީބާއި ތަރައްޤީ ބޭނުންކަން ނިންމިއެވެ. އެ ކަމަށްޓަކައި ފިކުރީ ގޮތުން ޖީލުތައް އިސްލާމީ، ދިވެހި ޤައުމީ ސިފަތަކާއެކު ބިނާކުރަން ވެއްޖެކަމަށް ދިވެހީން އެއްބަސްވިއެވެ. ހަމަ އެހެންމެ، ޢުމްރާނީ ގޮތުން އެންމެ ޒަމާނީ ގެދޮރުވެރިކަމާއި ރަށްވެހިކަމަށް ތައްޔާރުވިއެވެ.
ދިވެހީންގެ މި ނިންމުންތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި އާ ސަރުކާރެއް ހޮވައި، އެ ސަރުކާރާ މި އަމާނާތް ހަވާލުކުރިއެވެ. އާ އަހަރަށް ދިވެހީން ދެކޭ ހުވަފެންތައް ބިނާވެފައި ވަނީ މި އުންމީދުތަކާއި ތަޞައްވުރުތަކުގެ މައްޗަށެވެ.