ރާއްޖެ އާއި ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލާގައި މިދިޔަ ސަރުކާރުން ގެންގުޅުނީ ރަނގަޅު ސްޓޭންޑެއްތޯ ބެލުމަށް ބައިނަލް އަގުވާމީ ލަފާ ހޯދަން ބޭރުގެ ތަޖުރިބާކާރުންނާ ހަވާލުކޮށްފި އެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވަނީ އިނގިރޭސި ވިލާތުގެ ކިންގްސް ކައުންސިލަކާއި، މޯލްޓާގެ ލޯ އޮފް ދަ ސީގެ ޕްރޮފެސަރަކާ؛ މި މަސައްކަތުގެ ރިޕޯޓު އަންނަ މަހު ލިބޭނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ސަރުކާރާ ހަވާލުވުމާ އެކު، ފުރަތަމަ 14 ހަފްތާގެ ތެރޭގައި ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ވެސް ގެއްލުނު ކަނޑުގެ ބައި ހޯދުމުގެ މަސައްކަތް ވަނީ ހިމަނައިފަ އެވެ. ރައީސް ޑރ މުއިއްޒު އެމަނިކުފާނުގެ ވައުދުފުޅުތައް ވީހާވެސް ފުރިހަމައަށް ފުއްދެވުމަށް ދަނީ މަސައްކަތްކުރައްވަމުންނެވެ.
އިން ވަކިކުރުމުގެ މައްސަލާގައި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ބަދަލުކުރެވޭނެ ގޮތެއް ހޯދައި، ދެކުނުގެ އިގްތިސާދީ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި ހޯދުމަށް މި ސަރުކާރުން މަސައްކަތް ފަށައި މިދިޔަ މަހު ބަންޑާރަ ނައިބުގެ އޮފީހާ ވަނީ ހަވާލުކޮށްފަ އެވެ.
އެގޮތުން އެ މައްސަލައާ ގުޅޭ ލިޔެކިއުންތައް ހޯދައި އެ ލިޔެކިއުންތައް ދިރާސާކުރުމާއި އެ މައްސަލާގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅެފައިވާ ގާނޫނީ ޕޮޒިޝަނާއި އަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން ބައިނަލްއަގުވާމީ އިސް މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ފަށާފައިވާ ކަމަށް ވެސް މިދިޔަ މަހު ސަރުކާރުން ބުނެފައިވެ އެވެ.
ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ މުހިންމު ކަންކަން ހާމަކުރަން މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އެ ލަފާ ހޯދުމަށް ބޭރުގެ އެކްސްޕާޓުން ފާހަގަކުރެވި، އެ މީހުންނާ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވި ގޮތުން ބޭރުގެ އެކްސްޕާޓުންގެ ގޮތުގައި ހަރަކާތްތެރިވަނީ:
· ޔޫކޭގެ ކިންގްސް ކައުންސިލެއް؛ އޭނާގެ ރިޕޯޓު އަންނަ މަހުގެތެރޭގައި ވަޒީރުންގެ މަޖިލީހަށް ލިބޭނެ
· މޯލްޓާގެ ލޯ އޮފްދަ ސީ ޕްރޮފެސަރެއް؛ އޭނާ ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ އަދި އެ ބޭފުޅާގެ ރިޕޯޓް މި މަހު މެދުތެރޭ ވަޒީރުންގެ މަޖިލީހަށް ލިބޭނެ
"މި ދެންނެވި އެކްސްޕާޓުންގެ ރިޕޯޓުތަކަށް ބަލައި ތައްޔާރުކުރާ ފައިނަލް ރިޕޯޓް ފެބްރުއަރީ މަހުގެ ފަހުކޮޅު ކެބިނެޓަށް ހުށަހެޅިގެންދާނެ،" ނާޒިމް ވިދާޅުވި އެވެ.
އެ އެކްސްޕާޓުންގެ ނަންތަކެއް މިއަދު ރައީސް އޮފީހުން އާންމެއް ނުކުރެ އެވެ. އެ މައުލޫމާތު ބަންޑާރަ ނައިބުގެ އޮފީހުން ފަހުން އާންމު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގެއްލުނު ކަމަށް ބުނާ ކަނޑުގެ ބައި ހޯދުމަށް ކުރަމުންދާ މަސައްކަތަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް އިސްވެ ހިންގަވާ ގޮތަށް ހާއްސަ ކޮމިޓީއެއް ވެސް މި ސަރުކާރުން ވަނީ އެކުލަވާލާފަ އެވެ.
އެ ކޮމިޓީގައި ހިމެނޭ އިތުރު ބޭފުޅުންނަކީ؛
· ޑިފެންސް މިނިސްޓްރީގެ ފަރާތުން އަހުމަދު މުޖުތަބާ
· ފޮރިން މިނިސްޓްރީގެ ފަރާތުން ސެކްރެޓަރީ މަލްޓިލެޓެރަލް އަހްމަދު ޝިއާން
މި މައްސަލައާ ގުޅިގެން މިހާތަނަށް ސަރުކާރުން ބުނިގޮތުގައި، މިކަމާ ގުޅުން ހުރި ކަމުގެ ލިޔުންތަކުގެ ގޮތުގައި ފެނިފައިވަނީ ދެސިޓީއެކެވެ. އެއީ މޮރިޝަސްގެ ބޮޑުވަޒީރަށް މިދިޔަ އަހަރުގެ 22 އޮގަސްޓުގައި އޭރުގެ ރައީސް ސޯލިހު ފޮނުއްވި ސިޓީފުޅާއި އެ ސިޓީގެ ޖަވާބުގައި މޮރިޝަސްގެ ބޮޑުވަޒީރުގެ ފަރާތްޕުޅުން ސޯލިހަށް ފޮނުވާފައިވާ ސިޓީފުޅެވެ.
މޮރިޝަސްގެ ބޮޑުވަޒީރަށް މިދިޔަ އަހަރުގެ 22 އޮގަސްޓުގައި އޭރުގެ ރައީސް ސޯލިހު ފޮނުއްވި ސިޓީފުޅު މިދިޔަ މަހުގެ 19ގައި މި ސަރުކާރުން ރަސްމީކޮށް އާންމުކޮށްފައިވާ އިރު، ސަރުކާރުން ތުހުމަތުކުރާ ފަދަ އެއްވެސް ވާހަކައެއް އެ ސިޓީގައެއް ނެތެވެ.