ވިއްސާރަވެ ފެންބޮޑުވުމާ ގުޅިގެން ގެއްލުން ލިބުނު ހަތްދިހަ ގެއަކަށް ފައިސާގެ އެހީތެރިކަން ދެނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ވިއްސާރަވެ ފެންބޮޑުވުމާ ގުޅިގެން ގެއްލުން ލިބުނު ހަތްދިހަ ގެއަކަށް ފައިސާގެ އެހީތެރިކަން ދެނީ

މިދިޔަ އަހަރުގެ ފަހު ދުވަހު މާލެ ސިޓީއަށް ބޯކޮށްވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން ގެއްލުން ލިބުނު ގެތަކަށް މާލީ އެހީތެރިކަން ދޭން ސަރުކާރުން ނިންމައިފި އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނި ގޮތުގައި ވިއްސާރާ ގައި 70 ގެއަކަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ. އެ ގެއްލުންތަކަށް ބަދަލެއްގެ ގޮތުން 457،246.20 ރުފިޔާ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އެގޮތުން 34 ގޭބީސީއެއްގެ ސްޓްރަކްޗަރަލް ގެއްލުންތަކަށް 248،381 ރުފިޔާ ދިނުމަަށް ވަނީ ނިންމާފައެވެ. 65 ގޭބީސީއެއްގެ ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމަށް 208،861.60 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޭބީސީތަކަށް ލިބުނު ގެއްލުން މިލިއަން ރުފިޔާއަށް އަރާ ކަމަށް ބުންޏެވެ.

ވިއްސާރާގައި ލިބުނު ގެއްލުން ބެލުމަށް 87 ތަނެއްގެ އެސެސްމަންޓް ހަދާފައިވެ އެވެ. އޭގެ ތެރެއިން 19 ތަނަކީ އެކިއެކި ވިޔަފާރިތައް ހިންގާ ތަންތަނެވެ. 27 ގެއަކުން އެސެސްމަންޓް ހަދަން ބޭނުން ނުވާ ކަން އެންގި އެވެ. އަދި 21 ގޭބީސީ އަކަށް އެކި ސަބަބުތަކާއި ހެދު ނުވަދެވުނު ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

ފެންބޮޑުވެ ގެއްލުންވުމާއި ގުޅިގެން އަށް ގެއަކުން 42 މީހަކަށް ވަގުތީބޯހިޔާވަހިކަން ސަރުކާރުން ވަނީ ދީފައެވެ. އެގޮތުން ވަގުތީ ބޯހިޔާވަހިކަން ދިނުމާއި އެ ނޫން ހަަރަދުތަކަށް 179،275 ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

އަދި ފެންވަންނާތީ ވެލި ބަސްތާ ޖެހުމަށް 10،100 ގޯނި ވަނީ ގޭބީސީތަކަށް ދޫކޮށްފައެވެ

މިއަދު އޮންލައިން