ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތެއް އެއް ޕޯޓަލްއަކުން ލިބޭނެ އިންތިޒާމު ހަމަޖައްސަން ނިންމަވާފައިވާ ކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު އަމީން މިހެން ވިދާޅުވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން
ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށް ދެމުންދިޔަ ނަމަވެސް މިހާރު، އެކި ޚިދުމަތްތައްކަށް އެދެވެނީ އެކި ޕޯޓަލްތައް މެދުކޮށެވެ. އެކަމުގެ ސަބަބުން އާންމުންނަށް އުނދަގޫ ތަކާއި ކުރިމަތިލާން ޖެހޭ އެމައްސަލަ ހައްލުކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.
"މިނިސްޓްރީގެ ގިނަ ޚިދުމަތްތައް ތަފާތު ޕޯޓަލްއަކުން މަސައްކަތް ކުރަން ޖެހުނީމަ އެއީ އުދަގޫވާ ކަމެއްގެ ގޮތުގައި ފާހަގަވެފައި އޮންނާތީ، މިނިސްޓްރީގައި ހުރިހާ ޚިދުމަތަކަށް އެދިވަޑައިގަތަސް އެއް ޕޯޓަލްއެއްގެ ތެރެއިން އެކަންތައް ހަމަޖެއްސޭނެ އިންތިޒާމެއް އިރާދަކުރެއްވިއްޔާ ހަމަޖައްސަން މިހާރު ފަށައިފީމު."
ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީންމިއާއެކު އަމީން ވިދާޅުވީ އެ މިނިސްޓްރީގެ އަމާޒަކީ ކުރިއަށް އޮތް 3 މަސް ނުވަތަ 4 މަސްތެރޭ އެއް ޕޯޓަލްއަކުން ހުރިހާ ޚިދުމަތެއް ލިބޭގޮތަށް ހަމަޖެއްސުން ކަމަށެވެ.
މީގެ އިތުރުންވެސް، މިއަދުގެ ބައްދަލުވުމުގައި އަމީން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ އެތެރޭގެ ހިންގުމުގެ ނިޒާމު ރަނގަޅުކުރުމަށް އެ މިނިސްޓރީގައި އައިޓީ އަދި ޕީއާރް ސެކްޝަނެއް އުފައްދަން ޖެހޭ ކަމަށާ އެކަމަށްޓަކައި މިހާރު އެދިފައިވާ ކަމަށެވެ.
އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތައް އޮންލައިން ކުރި ނަމަވެސް މިނިސްޓްރީ ގައި ބޭނުން ކުރަމުންދަނީ ދުވަސްވީ ސޮފްޓްވެއަރ އެއް ކަމުން އެކަން ރަނގަޅު ކުރުމަށްވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
"މިނިސްޓްރީގައި ބޭނުން ކުރަމުންދަނީ ވަރަށް ދުވަސްވީ އަދި ޒަމާނަށް ނުފެތޭ މެޓްރިކްސް ސޮފްޓްވެއާ ސިސްޓަމްތަކެއް. އެހެންވީމަ މުޅި ނިޒާމު އަޅުގަނޑުމެން ސޭފްޓީ ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަމެއްގެ ގޮތުގައި."
ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީންމީގެ އިތުރުން އަމީން ވަނީ، މިނިސްޓްރީގެ އެތެރޭގައި ގޯސްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރައްވައި، އެކަންކަން ބެލުމަށް އޮޑިޓެއް މިހާރު ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.