މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ނަމުގައި އުފައްދާ ކުންފުނީގައި އިތުރު 5 ކުންފުންޏެއް ހިއްސާވާނެކަން ހާމަކޮށްފިއެވެ.
މި ކުންފުނި އުފެއްދުމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
މި ކުންފުންޏަކީ ރާއްޖެއަށް ފުޅާދާއިރާއެއްގައި މުދާއެތެރެކުރުމާއެކު އަވައްޓެރި އެހެން ބައެއް ޤައުމުތަކަށް ރީއެކްސްޕޯޓް ކުރެވޭ ނިޒާމެއްގެ ތެރެއިން އާމްދަނީ އިތުރުކުރުމަށް އަމާޒުކޮށް އުފައްދާ ކުންފުންޏެކެވެ.
މިކުންފުނި އުފައްދަނީ ސަރުކާރުގެ ފަސް ކުންފުޏެއް ހިއްސާއާއިއެކުއެވެ.
އެއީ:
· މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)
· މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)
· ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ.)
· މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ)
· ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)
މި ކުންފުނިން ފުރީ ޓްރޭޑް ޒޯންތައް ޤައިމުކުރުމުގެ ހުއްދައަށް އެދި ބޯޑް އޮފް އިންވެސްޓްމަންޓްސް އަށް ހުށަހެޅުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވެއެވެ.
މި ކުންފުނީގެ މަޤްޞަދުތަކުގެ ތެރޭގައި ފްރީ ޓްރޭޑް ޒޯންތައް ޤާއިމުކުރުން ހިމެނެއެވެ. އަދި އިކޮނޮމިކް ސެކިއުރިޓީ ކަށަވަރުކުރުމަށްޓަކައި ވިޔަފާރީގެ ހަރަކާތްތައް ފުޅާކުރުމާއި އިޤްތިޞާދު ސިންދަފާތު ކުރުމަށްޓަކައި ރާއްޖެއާ ރާއްޖެއިން ބޭރަށް އަމާޒުކޮށްގެން އިމްޕޯޓް، އެކްސްޕޯޓް، ރީއެކްސްޕޯޓް އަދި ޕްރޮސެސިންގ މަސައްކަތްތައް ހިންގުން މި ކުންފުނި އުފެއްދުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.