ވިލިމާލޭގެ މަގުތައް އަލުން ތަރައްގީ ކުރުމަށް ސާވޭ އަދި އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
އީއައިއޭގެ މަސައްކަތް ކުރުމަށް އާރްޑީސީ އާ ހަވާލު ކުރީ މިކަމަށްޓަކައި ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވެވި ރަސްމިއްޔާތެއްގައެގެ.
މި ރަސްމިއްޔާތުގައި، ވިލިމާލޭ މަގުހެދުމަށް ބޭނުންވާ ސަރވޭއާއި އީއައި ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި، ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ތަޢާމް މުހައްމަދުއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަލީ ޒުހައިރުއެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެ މަސައްކަތް އާރުޑީސީއާ ހަވާލު ކުރީ 1.7 މިލިއަން ރުފިޔާއަށެވެ. އެއީ 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ވިލިމާލޭގައި ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ 5.6 ކިލޯމީޓަރުގެ މަގުތަކެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ސާވޭ ހެދުމުގެ މަގުސަދަކީ ވިލިމާލޭގެ މަގުތަކުގެ ހާލަތު ދެނެގަނެ، މަޝްރޫއު ހިންގުމަށް ދާނެ ސީދާ ހަރަދު ދެނެގަތުން ކަމަށެވެ.
"ވިލިމާލޭގެ 5.6 ކިލޯމީޓަރުގެ މަގުތައް ހެދުމަށްޓަކައި ބޭނުންވާ ސާވޭތައް ހެދުމާއި ޑީޓެއިލް ޑިޒައިނާއި އީއައިއޭ އާއި ސްޓޯމް ވޯޓާ ޑިޒައިން މި ހުރިހާ ކަމެއް ހިމެނިގެން މި މަސައްކަތް ނިމިގެން ދާނެ. އެހާ ހިސާބުން އަމަލީ މަސައްކަތް ފެށިގެންދާނެ." މުއްތަލިބް ވިދާޅުވިއެވެ.
ވިލިމާލެ މަގުތައް ހެދުމަކީ އެ އަވަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި މި އަވަށުގެ ޑިޒައިނާއި އެހެނިހެން ކަންކަން ކުރެވޭނީ ރަށުގެ ރައްޔިތުންގެ ހިޔާލާ އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސާވޭއަށް ފަހު ތާރު އަޅަންޖެހޭ މަގުތަކުގައި ތާރު އަޅައި، ގާއަޅަން ޖެހޭ މަގުތައް ވެސް އަލުން ތަރައްގީ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފ. ނިލަންދޫ އެއަރޕޯޓް ހެދުމަށް ބިން ހިއްކުމަށް ބޭނުންވާ ސަރވޭއާއި އީއައިއޭ ހެދުމުގެ މަސައްކަތް އިމާރާތްކުރުމާއި، ބިނާރާ ބެހޭ ވުޒާރާއިންވަނީ އެމްޓީސީސީއާ ހަވާލުކުރެއްވީ 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިމަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ޢަބްދުﷲ ޒިޔާދުއެވެ.
ފ.ނިލަންދޫ އެއަރޕޯޓް އެޅުމަށް މިއަހަރުގެ ބަޖެޓުގައިވެސްވަނީ ހިމަނާފައެވެ. މިމަސައްކަތުގެ އަގަކީ ތިންސަތޭކަ ހަތްދިހަ އަށްހާސް ރުފިޔާއެވެ.
ބިން ހިއްކުމަށްޓަކައި ހަދާ މިސަރވޭއިން އެބިން ހިއްކުމަށް ބޭނުންވާ ވެލީގެ މިންވަރާއި އެތަން ހިމާޔަތް ކުރަން ބޭނުންވަނީ ކިހާވަރެއްގެ ޝޯވ ޕްރޮޓެކްޝަނެއްކަން އެނގިގެންދާނެ ކަމަށާއި އަދި ނިލަންދޫ އެއަރޕޯޓް މަޝްރޫޢުގެ ތެރެއިން މިއަހަރު ކުރުމަށް ކަނޑައަޅުއްވާފައިވަނީ ބިން ހިއްކުމާއި އެބިން ރައްކާތެރިކުރުމަށް ބޭނުންވާ ޝޯޕްރޮޓެކްޝަންގެ މަސައްކަތްކަމަށްވެސް ވަޒީރު މުއްތަލިބު ވިދާޅުވިއެވެ.