ފައިލޭރިއާ އަށް ޓެސްޓް ކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ނިންމަވައިފިއެވެ.
އެޗްޕީއޭއިން ވިދާޅުވީ މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ފައިލޭރިއާއަށް ސްކްރީން ކުރުމުގެ ހަރަކާތް އަންނަ ހަފްތާގައި މާލޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.
އެޗްޕީއޭއިން މިހަރަކާތް ކުރިއަށް ގެންދަން ނިންމީ ފައިލޭރިއާގެ ކޭސްތަކެއް ފެނުމާ ގުޅިގެން އެ ބަލި އިތުރު ބަޔަކަށް ޖެހިފައިވޭތޯ ކަށަވަރުކުރުމުގެ ގޮތުންނެވެ.
މިހަރަކާތުގައި ފުރަތަމަ ސާމްޕަލްތައް ނެގުމަށް ހަމަޖެހިފައިވަނީ މާލެއާއި ހުޅުމާލެއިންނެވެ. އަދި އެއަށްފަހު ވިލިމާލެއާއި ގުޅީފަޅާއި ތިލަފުށީގައިވެސް މިހަރަކާތް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.
އެޗްޕީއޭއިން ވިދާޅުވީ މިހަރަކާތުގެ ތެރެއިން ކޮންމެ ދުވަހަކު މަދުވެގެން 70 ރެންޑަމް ސާމްޕަލް ޓެސްޓް ކުރުމަކީ އަމާޒެއްކަމަށެވެ. މިހަރަކާތް ކުރިއަށް ގެންދަނީ ދިވެހިންނާއި ބިދޭސީންނަށްވެސް ބައިވެރިވެވޭގޮތަށް ކަމަށާއި ބައްޔަށް ސްކްރީން ކުރުމަށް ވަކި އުމުރުފުރާއެއް ކަނޑައަޅާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.