ޤައުމީ އުފެއްދުންތެރިކަން 6 ބިލިއަނުން 12 ބިލިއަން ޑޮލަރަށް ޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގަންނަވާފައިވާ ވަޢުދުފުޅު ޙަގީގަތަކަށް ހެއްދެވުމަށް ވީއައިއޭ މަޝްރޫޢަކީ އެންމެ މުހިއްމު މަޝްރޫޢުކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސަޢީދު މިހެންވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު އަދި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ސަޢީދު ވިދާޅުވީ، ނާޒުކު ޙާލަތެއްގައި އޮތް ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރަކީ އިޤްތިޞާދީ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަންނީ ބޭފުޅުންގެ ލަފަޔާއެކު ޖައްސަވަފައިވާ ހިސާބެއްކަމަށެވެ.
"ރައީސްގެ ވަޢުދުފުޅެއް ރާއްޖޭގެ ޖީޑީޕީ 6 ބިލިއަނުން 12 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަކީ. މިހާރު ގާތްގަނޑަކަށް 4 ޕަސެންޓްގެ ގްރޯތެއް އަޔަސް މިހިސާބުތަކުން ބުނެދެނީ 12 ބިލިއަނަށް ޖެއްސުމަށް ގާތްގަނޑަކަށް 4 ނުވަތަ 5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވެންޖެހޭކަން. އެކަންކުރުމަށް މިއީ މުހިއްމު މަޝްރޫޢެއް." އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.