ޙައްޖާއި ޢުމްރާވެރިންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރާއްޖެއާއި ސަޢޫދީ އަރަބިއްޔާ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަޒީރު ޑރ.ޝަހީމް ސަޢުދީޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަތުމުގެ ކުރިން ޑރ. ޝަހީމް ވިދާޅުވީ، ދިވެހި ޙައްޖުވެރިންނާއި ޢުމްރާ ވެރިންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިވާތީ، އެކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރާނެކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ، މި ދަތުރުފުޅުގައި ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެކަމަށެވެ. އަދި ކޮންފަރެންސްގެ ހަވާސާގައި އިސްލާމީ ބައެއް ޤައުމުތަކުގެ އިސްލާމީ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި އިސްލާމީ ކަންތައްތަކާ ބެހޭ ދާއިރާގެ ކަންކަމުގައި އެފަރާތްތަކުގެ ފަންނީ އަދި މާލީ އެއްބާރުލުން ހޯދުމާ މެދު މަޝްވަރާކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ޙައްޖު އެންޑް ޢުމްރާ ކޮންފަރެންސްއަކީ ޙައްޖާއި ޢުމްރާއާ ގުޅޭ ފާހަގަކޮށްލެވޭ ނިންމުންތައް ނިންމާ ފަރާތްތަކާއި، ތަޖުރިބާކާރުންނާއި، ޢިލްމުވެރިންނާއި، ދިރާސާވެރިންނާއެކު ސައިންޓިފިކް ސެޝަންތަކާއި، ވޯކްޝޮޕްތަކާއި، ތަމްރީނު ސެމިނާތައް ހިމެނޭ ގޮތަށް ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ ކޮންފަރެންސްއެކެވެ. މި ފަހަރުގެ ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ 8 އިން 11 ވަނަ ދުވަހުގެ ނިޔަލަށް ސައުދީ ޢާރައްބިއްޔާގެ ޖިއްދާގައެވެ.
މިދަތުރުފުޅުގައި ޙައްޖު އަދި ޢުމްރާއާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ އިތުރުން، ޙައްޖު އެންޑް ޢުމްރާ ކޮންފަރެންސް ގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ވަޒީރު ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅަކީ އެ ޤައުމުގެ ޙައްޖު މިނިސްޓަރު ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.