ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މިމަހުގެ 2 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުން ދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި 1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެވިފައިވާކަމަށް ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ.

މި ތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 1.132 ކިލޯގްރާމް ހުރި އިރު، މަރުހަލާގައި ކުރެވުނު ތަހުލީލުތަކުން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ސިންތެޓިކް ކެތިނޯންއަށް ޕޮޒިޓިވްވެފައިވާކަމަށް ކަސްޓަމްއިން މައުލޫމާތު ދެއެވެ.

މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި މި ޕެކޭޖް ބަލާ ކަސްޓަމްސްއަށް އައި 20 އަހަރުގެ ދިވެހި ފިރިހެނެއް މިހާރު ވަނީ ފުލުހުންނާއި ޙަވާލުކުރެވިފައިކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މިއަދު އޮންލައިން