މި އަންނަ ފެބްރުއަރީ މަހުން ފެށިގެން ހުޅުމާލެ ފޭސް އެކެއްގެ ހުރިހާ ސޯޝަލް ހައުސިން ފްލެޓްތަކުގެ ކުލި ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާ އެކަން އިޢުލާނު ކުރައްވައިފިއެވެ.
މިކަން އިޢުލާނު ކުރައްވާފައިވަނީ މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އުސްތާޛާ އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިނަށް ހުޅުމާލެ ފޭސް އެކެއްގައި ދިރިއުޅޭ ރައްޔިތުންނާއިއެކު މިއަދު ބޭއްވެވި ބައްދަލު ވުމެއްގައެވެ.
"އަޅުގަނޑު މިއަދު މިތަނުގައި އިއުލާނު ކޮށްލަން ބޭނުން ވަނީ ފުރަތަމަ ފިޔަވަހީގައި ހުރި ހުރިހާ ފްލެޓަކުން މިއަންނަ މަހުން ފެށިގެން 20 ޕަސެންޓް އަގު ކުޑަވެގެން ދާނެ،" ރައީސް ވިދާޅުވިއެވެ.
ހުޅުމާލެ ތަރައް ކުރީ މާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމަށް ކަމަށާއި އަދި ފޭސް އެކެއްގައި ދިރުއުޅުއްވާ ފަރާތްތަކުން މިހާރުވެސް ބޮޑު އަގެއް ދައްކަވަން ޖެހޭކަން ރައީސް ޑރ. މުއިއްޒު ފާހަގަ ކުރައްވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ އެތަންތަނަށް 4000 އާއި 7000 ދެމެދުގެ އަގެއް މެއިންޓެނެސް ފީއާއި އެކީ ދައްކަމުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވީ މިގޮތައް ލުއި ދެވިގެން މިދަނީ މިހާރުގެ އިޤްތިޞާދީ ހާލަތު އޮތްގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ވެރިންނަށް ކުލި ދެއްކުމުގައި ދަތިކަމެއް ހުރިކަމަށް ފާހަގަ ކުރެއްވޭތީ ކަމަށެވެ.
ރަމި ލުއި އަޅުގަނޑުމެން ރައްޔިތުންނަށް މި ދެނީ އިޤްތިޞާދުގެ ހާލަތު ހުރި ގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ވަރަށް ބޮޑަށް އޮތީ ހީނަރުވެފައި. އާމްދަނީ ވަރަށް ކުޑަ. ދައްކަން ޖެހޭ އެއްޗެއް މި ދެއްކެނީ ވަރަށް ހާލުގައި. ސަރުކާރުން މިކަމުގައި އެހީތެރިކަމެއް ދޭން ބޭނުންވާތީ ކުޑަ ކުރީ." ރައީސް ވިދާޅުވިއެވެ.
މިއަދުގެ މިރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ސަރުކާރަށް އެހީތެރިވުމުގެ ގޮތުން މާލޭ މޭޔަރުކަމަށް ސަރުކާރުގެ ކެންޑިޑޭޓް އުސްތާޛާ އާޒިމާ ޝަކޫރު ހޮއްވަވައި ދެއްވުމަށް ވަނީ އެދި ވަޑައިގެންފައެވެ.