ވިއްސާރަވުމުގެ ސަބަބުން މާލޭގައި ފެންބޮޑުވެ ގެއްލުންވާ ގެތަކުގެ މައުލޫމާތު އެއްކުރުމަށް ސާވޭއެއް ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 16ސ
ވިއްސާރަވުމުގެ ސަބަބުން މާލޭގައި ފެންބޮޑުވެ ގެއްލުންވާ ގެތަކުގެ މައުލޫމާތު އެއްކުރުމަށް ސާވޭއެއް ފަށައިފި

ވިއްސާރަވުމުގެ ސަބަބުން މާލޭގައި ފެންބޮޑުވެ ގެއްލުންވާ ގެތަކުގެ މައުލޫމާތު އެއްކުރުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ސާވޭއެއް ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ސާވޭގެ މަގްސަދަކީ މާލޭގައި ފެން ބޮޑުވާ ގޭތަކުގެ މައުލޫމާތު އެއްކުރުމާއި އެ ގެތަކުގެ ލޮކޭޝަންތައް މެޕްކުރުމާއި އަދި ފެން ބޮޑުވެގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ އެޅިދާނެ ފިޔަވަޅުތައް ހިއްސާކުރުން ކަމަށެވެ.

މި ސާވޭގައި މިދިޔަ އާދިއްތަ ދުވަހު މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެ ގެއްލުން ލިބުނު ގެތަކަށް ޒިޔާރާތްކޮށް މައުލޫމާތު އެއްކުރަން ވަނީ ފަށައިފައެވެ.

މިއަދު ފަށާފައިވާ ސާވޭ ކުރިއަށްދާނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ.

އެމްއެންޑީއެފުން މި ސާވޭ ފަށާފައިވާއިރު އާދިއްތަ ދުވަހު ރާއްޖެއަށް ކުރި ވިއްސާރައިގައި މާލޭގެ 70 ގެއަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

އެ ގެތަކަށް 457،246.20 ރުފިޔާ ދޭން ނިންމާފައިވާ ކަަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ (އެންޑީއެމްއޭ) އިން ވަނީ ވިދާޅުވެފައެވެ.

އެންޑީއެމްއޭ އިން ވިދާޅުވީ، ފެންބޮޑުވެގެން ރިޕޯޓް ކުރި ކޯލް ތަކުގެ އަދަދު 164 އަށް އަރާއިރު، ފުރަތަމަ އިޖާބަ ދެވުނު ގެތަކުގެ އަދަދު 140 އަށް އަރާ ކަަމަށެވެ. ފުރަތަމަ އިޖާބަދިނުމަށް ކުރެވުނު ހަރަދު 179،275ރ. އަށް އަރާ ކަމަށްވެސް އެންޑީއެމްއޭ އިން ވިދާޅުވިއެވެ.

އަދި ވަގުތީ ބޯހިޔާވަހިކަން އަށް ގެއެއްގެ 42 މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަަމަށް އެންޑީއެމްއޭ އިން ވިދާޅުވިއެވެ.

70 ގޭބިސީއަކަށް 457،242ރ ގެ ހަރަދު ކުރުމަށް ވަނީ ނިންމާފައެވެ. ސްޓްރަކްޗަރަލް ގެއްލުމުގެ ތެރޭގައި 34 ގޭބިސީގެ އިމާރާތަށް ގެއްލުންވި ކަަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ. އަދި އެ ގެއްލުންތަކަށް 248،381ރ ހަރަދު ކުރި ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

65 ގެއެއްގެ ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ވި ގެއްލުމުގެ އަދަދު މިލިއަނަކަށް އަރާ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި ލިބުނު ގެއްލުންތަކަށް 208،861.60ރ. ޖުމްލަ ގެއްލުމުގެ %20 އެހީގެ ގޮތުގައި ލިބޭނެ ކަަމަށް އެންޑީއެމްއޭ އިން ވިދާޅުވިއެވެ.

އެ އިދާރާއިން ވިދާޅުވިގޮތުގައި، 154 ގޭބިސީއެއްގެ އެސެސްމެންޓް ހެދުމަށް ކަނޑައެޅުނުއިރު، 87 ތަނެއްގެ އެސެސްމެންޓް ވަނީ ހަދާފައެވެ. 19 ތަނަކީ އެކިއެކި ވިޔަފާރި ކުރާ ތަންތަން ކަން ފާހަގަކޮށްފައިވާއިރު، 27 ގެއަކުން އެސެސްމެންޓް ހަދަން ބޭނުން ނުވާ ކަން ވަނީ އަންގާފައެވެ. އަދި 21 ގެއަކަށް އެކި ސަބަބުތަކާއި ހެދި ވަނީ ނުވަދެވިފައެވެ.

ގެއްލުން ލިބުނު ގެތަކުން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ އަަލަމާރިތަކަށް ގެއްލުން ވެގެންނެވެ. ދެ ދޮރުފަތްލީ 46 އަލަމާރިއަކަށް ގެއްލުންވެގެން ރިޕޯޓް ކުރިއިރު، 36 ގެއެއްގެ ކަބަޑު ސެޓަށް ގެއްލުންވެގެން ރިޕޯޓްކޮށްފައި ވެއެވެ.

މިއަދު އޮންލައިން