ރައްޔިތުންގެ މަޖިލީހުގައި، އިދިކޮޅުން ކަންކަން ކުރަނީ ގާނޫނާ ހިލާފަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހުސްވެފައިވާ މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ ފަރާތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިއަދު ބޭއްވި ކެމްޕޭނު އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އިދިކޮޅު ޕާޓީތަކުގެ އަމަލާއި ބަސް މިހާރު ހުރި ގޮތް ރައްޔިތުންނަށް އެނގޭކަން ފާހަގަކުރައްވައި ރައީސް ޑރ މުއިއްޒު ވިދާޅުވީ އެ ޕާޓީތަކުން މަޖިލިސް ތެރެއިން ވެސް ކަންކަން ކުރަނީ ޑިމޮކްރެސީ އާއި ގާނޫނާ ވެސް ހިލާފަށް ކަމަށެވެ. އަދި އެހެނިހެން ކަންކަން ވެސް އެ ގެންދަނީ ރައްޔިތުންގެ ވިންދާ އެއްގޮތަކަށް ނޫންކަން ފާހަގަކުރައްވައި ރައީސް ޑރ މުއިއްޒު ވިދާޅުވީ އެގޮތަށް ކަންތަައް ކުރަމުންދާ ޕާޓީތަކެއްގެ ތެރެއިން، ނުވަތަ އެ ޕާޓީ ލައިނުން އަންނަ ކެންޑިޑޭޓަކަށް ރައްޔިތުން ކަންކަން ނިންމުމުގެ ބާރު މިވަގުތު ދިނުމަކީ އެއްގޮތަކަށްވެސް ބުއްދިވެރި ކަމެއް ނޫންކަމަށެވެ. އެފަދަ ކެންޑިޑޭޓަކަށް ފުރުސަތު މިދަނޑިވަޅުގައި ދީފިނަމަ ސަރުކާރުން ރައްޔިތުންނަށްޓަކާ ކުރަން ބޭނުންވާ ކަންކަމަށް ހުރަސްއެޅުމުގެ ފުރުސަތު އެބައޮތްކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އެހެން ނަމަވެސް ޕީއެންސީގެ ކެންޑިޑޭޓު މޭޔަރު ކަމަށް އިންތިހާބުކޮށްފިނަމަ ސަރުކާރުން ކުރަން ބޭނުންވާ ކަންކަމަށް އެއްވެސް ހިފެހެއްޓުމެއް ނާންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
ކަންތައް މިހެން އޮތުމުން އެންމެންވެސް ވަރަށް ސާފު ނިންމުމެއް ނިންމަން ޖެހޭނެ ކަން ފާހަގަކުރެއްވުމާއެކު ރައީސް ވިދާޅުވީ ކެންޑިޑޭޓް ނަމްވަރު ތިނެއް ހޮވައިފިއްޔާ އެ ހިފެހެއްޓުންތަކެއް ނާންނާނެކަމަށެވެ.
"ރައްޔިތުންނާ ހަމައަށް އަޅުގަނޑު ބޭނުންވާ ގޮތް ދާނެ. ރައްޔިތުން ބޭނުންވާ ގޮތް ސީދާ އަޅުގަނޑާ ހަމައަށް އަންނާނެ،" ރައީސް ވިދާޅުވި އެވެ.