2026 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރުގެ ކިޔެވުން ޖެނުއަރީ މަހު ފަށާ ގޮތަށް ހަމަޖައްސައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
2026 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރުގެ ކިޔެވުން ޖެނުއަރީ މަހު ފަށާ ގޮތަށް ހަމަޖައްސައިފި

2026ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރުގެ ކިޔެވުން ޖެނުއަރީ މަހު ފަށާ ގޮތަށް ހަމަޖައްސައި ބޮޑު ޗުއްޓީ ޑިސެމްބަރުގައި ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ނިންމުންތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީ އާ މަޝްވަރާކޮށް އިއްޔެ ކެބިނެޓަށް ހުށަހެޅި، އިހު އޮތް ގޮތަށް ސްކޫލްތަކުގެ ކިޔެވުން ބަދަލު ކުރުމަށް ހުށަހެޅި ކަރުދާސް ފާސްކޮށް، 2026 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ޖެނުއަރީގައި ފަށާގޮތަށް ނިންމަވާފައިވާ ކަމަށެވެ.

ތަޢުލީމާ ބެހޭ ވުޒާރާއިން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ މިބަދަލުގެ ސަބަބުން މިހާރު ގްރޭޑް 9 އަދި 10 ގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ކުރިންވެސް ރޭވިފައިވާ ގޮތަށް މިދަރިވަރުން އޯލެވެލް އިމްތިހާން ހަދާނީ މެއި/ ޖޫންގައި ކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މަންހަޖު ފުރިހަމަކުރުމުގައިވެސް އެއްވެސް ވަރަކަށް ކްލާސްރޫމް ލަރނިން ޓައިމް ގެއްލިގެން ނުދާނެ ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ދިރާސީ އާ އަހަރު ޖެނުއަރީގައި ފަށާގޮތަށް ބަދަލު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށްވީއިރު، ނާޒިމް ވިދާޅުވީ، މި ބަދަލު ގެނައުމަށް ރޭވިފައިވަނީ ކުއްލި ގެނައުމުގެ ބަދަލުގައި ތައުލީމީ ކަލެންޑަރަށް މަދު މަދުން ގެނެވޭ އިސްލާހުތަކަކާއެކު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހައްލެއް ލިބޭގޮތަށް، ދަރިވަރުންގެ ކިޔެވުމަށް މިކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިނުވާނެ ގޮތެއްގެ މަތިން ކަމަށެވެ.

މިކަމާ ގުޅޭ ތަފުސީލުތައް އެޑިއުކޭޝަން މިނިސްޓްރީން ފަހުން ހިއްސާ ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންނާއި ޓީޗަރުންނަށް ބޮޑު ޗުއްޓީ ލިބޭ ދުވަސް ވަރު ޖޫން މަހާއި ޖުލައި މަހަށް ބަދަލުކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. 

 

 

މިއަދު އޮންލައިން