ރާއްޖޭގެ އިންފްރާސްޓްރަކްޗާއާއި އިގްތިސާދަށް ޗައިނާގެ އެހީއާއެކު ބޮޑެތި ފައިދާތަކެއް ލިބިފައިވޭ: ހާރިޖީ ވަޒީރު ޒަމީރު

ކިޔުމަށް ހޭދަވާނީ 1މ 55ސ
ރާއްޖޭގެ އިންފްރާސްޓްރަކްޗާއާއި އިގްތިސާދަށް ޗައިނާގެ އެހީއާއެކު ބޮޑެތި ފައިދާތަކެއް ލިބިފައިވޭ: ހާރިޖީ ވަޒީރު ޒަމީރު

ޗައިނާގެ އެހީތެރިކަމާއެކު ރާއްޖޭގެ އިންފްރާސްޓްރަކްޗާއާއި އިގްތިސާދަށް ބޮޑެތި ފައިދާތަކެއް ލިބިފައިވާ ކަމަށް ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ޗައިނާގެ ފޫ ޖޮއު ސްޓްރެއިޓް އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ރައީސް ދެއްކެވި ވާހަކަފުޅާ ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ވަޒީރު ވިދާޅުވީ ޗައިނާއާއި ރާއްޖެއާ ދެމެދު ގާއިމްކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިއާއި އިންވެސްޓްމަންޓަށް، ޚާއްސަކޮށް ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އައު ފުރުސަތުތަކެއް ލިބިގެންދާނެކަމަށެވެ.

އެކި ދާއިރާތަކުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވި ޗައިނާ ސަރުކާރާ ގުޅިގެން އިތުރު ތަރައްޤީގެ ބިޔަ ބޮޑެތި މަޝްރޫއުތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުން ރާއްޖޭގައި ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުއަކީ މާލެ އާއި ހުޅުމާލެ އަދި ހުޅުލެ ގުޅާލާފައިވާ ސިނަމާލެ ބްރިޖްގެ މަޝްރޫއުގެ މަސައްކަތެވެ.

މާލެ އާއި ހުޅުމާލެ އަދި ހުޅުލެ ގުޅާލާފައިވާ ސިނަމާލެ ބްރިޖަކީ ރާއްޖޭގައި މިހާތަނަށް ކުރެވުނު އެންމެ ބޮޑު އުމްރާނީ މަސައްކަތެވެ. ގާތްގަނޑަކަށް ދެ ކިލޯމީޓަރުގެ މި ބްރިޖްގެ ސަބަބުން ދިވެހީންގެ ދިރުއުޅުމުގެ އާދަކާދަތަކާއި ވައްޓަފާޅިއަށް ވަނީ އިންގިލާބީ ބަދަލެއް ގެނެސްދީފައެވެ.

އަދި މިއީ ދިވެހިރާއްޖެގެ އިޤްތިސާދު ކުރިއަރުވަން ލިބުނު ބޮޑު ބާރަކަށް ވަނީ ވެފައެވެ. ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވިއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީއެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރިއެވެ.

މި ބްރިޖްގެ މަސައްކަތް ނިމި ހުޅުވީ 30 އޯގަސްޓް 2018 ވަނަ އަހަރުއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ދިވެހިރާއްޖޭގެ މައި އެއަރޕޯޓާއި ވިޔަފާރި ބަނދަރު ތަރައްޤީކުރުމަށްކުރާ މަސައްކަތް ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއާ ގުޅިގެން ކުރިޔަށްގެންދެވޭނެ ގޮތްތައް ހޯއްދެވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.

 

ހަބަރު: ވީނިއުސް

މިއަދު އޮންލައިން