ރާއްޖޭގެ އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާއިބެހޭ ވަޒީރު ޑރ. ތައުފީޤު ބިން ރަބީޢާއާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޝަހީމް ދެއްކެވި ވާހަކަފުޅުގައި ސަޢޫދީ ސަރުކާރުން ދިވެހި ޙައްޖުވެރިންނާއި ޢުމްރާ ވެރިންނާ މެދު ވަރަށް ދީލަތިކޮށް މުޢާމަލާތުކުރައްވައި އަގުހުރި ޚިދުމަތެއް ދެއްވަމުންގެންދަވާކަމަށް ވިދާޅުވިއެވެ.
މިގޮތުން ޙައްޖު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީއިން ކޮށްދެއްވަމުން ގެންދަވާ ޚިދުމަތް ފާހަގަކުރެއްވިއެވެ. އަދި މާތް ދެހަރަމްފުޅަށާއި ޙައްޖާއި ޢުމްރާއަށް އަންނަ މީހުންނާއި މަދީނާ އަށް ޒިޔާރަތްކުރާ މީހުންނާ މެދު ބަހައްޓަވާ ދީލަތި ކަމަށްޓަކައި ސަލްމާން ރަސްގެފާނާއި ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާނަށް ޑރ. ޝަހީމް ޝުކުރު އަދާކުރެއްވިއެވެ.
ޑރ ޝަހީމް ވަނީ ސައުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރ ޑރ. ތައުފީޤަށް ފަސޭހަފުޅު ދުވަހަކުން ރާއްޖެވަޑައިގެންނެވުމަށްވެސް ދައުވަތު ދެއްވާފައެވެ. އަދި ކްރައިސިސް މެނޭޖްމަންޓުގެ ދާއިރާއިން ރާއްޖޭގައި ތަޤުރީރެއް ކުރެއްވުމަށްވެސް ދައުވަތު ދެއްވިއެވެ.