މި ސަރުކާރުން މަސްވެރިންނަށް ވި ވައުދާއި އެއްގޮތައް މަސްވެރިންނަށް ނުދެވި ހުރި 276 މިލިއަން ރުފިޔާ ދީ ހަލާސްކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝިޔާމް މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބެއިޖިންގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައެވެ.
މިނިސްޓަރ ޝިޔާމް ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، މަސްވެރިންނަށް ދޭންޖެހޭ 200 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދީ ހުރިކަމަށެވެ. ނަމަވެސް ރައީސް ޑރ. މުޢިއްޒު އެންމެ މުހިންމު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތަކީ މަސްވެރިންނަށް ނުދީ ހުރި ފައިސާ ވީހާވެސް އަވަހަކަށް ދީ ހަލާސްކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.