ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ މައްސަލައިގެ ތަހުޤީޤު ނިންމާ ޕީޖީއަށް ފޮނުވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ މައްސަލައިގެ ތަހުޤީޤު ނިންމާ ޕީޖީއަށް ފޮނުވައިފި

އދ. ދިގުރަށުގައި ކޮތަޅަކަށްލައި ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ މައްސަލައިގެ ތަހުޤީޤު ނިންމާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެެެއެވެ.

ވިހެއުމަށްފަހު ކޮތަޅަކަށްލައި ކުނިގޮނޑަށް އެއްލާލާފައި އޮއްވާ އެ ކުއްޖާ ފެނުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ. ކުއްޖާ ފެނުނުއިރު އޮތީ ނިޔާވެފައެވެ. އެކުއްޖާގެ ހަށިގަނޑު އެރޭ މާޅެ ގެނެސް ގަލޮޅު މޯޗަރީއަށް ވަނީ ލާފައެވެ.

އޭގެ ފަހުން ޑިސެމްބަރު 16 ވަނަ ދުވަހު އެ ކުއްޖާގެ ހަށިގަނޑު ވަނީ އިންޑިއާއަށް ގެންގޮސްފައެވެ. އަދި ޕޯސްޓްމޯޓަމް ހެދުމަށްފަހު ކުއްޖާގެ ހަށިގަނޑު އެ މަހުގެ 22 ވަނަ ދުވަހު މާލެ ގެނެސްފައެވެ.

އެ ކުއްޖާގެ ހަށިގަނޑު ވަޅުލާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

ފުލުހުން ވިދާޅުވީ އެ ކުޑަ ކުއްޖާގެ ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ރިޕޯޓުގައިވާ މައުލޫމާތުތައް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ވިހެއުމަށްފަހު ކުއްޖާ ކޮތަޅަކަށްލައި ކުނި ގޮނޑަށް އެއްލާލި މައްސަލައިގައި އެ ދުވަހު ސްރީލަންކާ އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކުރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

ދިގުރަށު ކައުންސިލުން މައުލޫމާތުދިން ގޮތުގައި އެކުއްޖާ ފެނުނީ އެރަށު ގެސްޓު ހައުސަކުން ނެރުނު ކުނި ކޮތަޅެއްގެ ތެރެއިންނެވެ. އެހެންނަނަމަވެސް އެއްވެސް އަނިޔާގެ ނިޝާނެއް ހަށިގަނޑުގައި ފެންނާކަށް ނެތް ނަމަވެސް އެ ކުއްޖާ މަރާލީ ނޭވާ ހާސްކޮށްގެން ކަމުގެ އަޑުތައް ރަށުތެރޭ ވަނީ ފެތުރިފައެވެ. އަދި އެ އަންހެންމީހާ އަކީ ގަޔަށް ދޫކޮށް އޮންނަ ހެދުންލާ މީހެއް ކަމުން ބަނޑު ބޮޑުކަމެއް ގެސްޓު ހައުސްގެ މީހުންނަށްވެސް ނޭނގޭ ކަމަށް އެރަށު މީހުން ވަނީ ބުނެފައެވެ.

ރަށު މީހުން ބުނާގޮތުން އެއްލާލާފައި އޮއްވާ ފެނުނު ކުއްޖާއަކީ ސިއްޚަތު ރަނގަޅަށް އޮތް ބޮޑު ކުއްޖެކެވެ. ބަރުދަނުގައި 3.5 ކިލޯ ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ރަށު މީހުން ބުނެއެވެ. 

މިއަދު އޮންލައިން