ރާއްޖޭގެ އިސްލާމީ ފަތުވާ ކައުންސިލް ތަރައްގީ ކުރަން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިންޓަރނޭޝަނަލް އިސްލާމިކް ފިގުހު އެކަޑަމީއާއި ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ ވުޒާރާއިން ވިދާޅުވީ، މި އެއްބަސްވުމުގެ މަގްސަދަކީ ފަތުވާ ދިނުމުގެ ނިޒާމް ހަރުދަނާކޮށް ރާއްޖޭގެ އިސްލާމީ ފަތުވާ ކައުންސިލް ތަރައްގީކޮށް ޒަމާނީ ފިގުހީ މައްސަލަތަކަށް އިލްމީ ހައްލު ހޯދުމުގައި ގުޅިގެން މަސައްކަތްކުރުން ކމަށެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ. އޯއައިސީގެ އިންޓަރނޭޝަނަލް އިސްލާމިކް ފިގިހު އެކަޑަމީގެ ފަރާތުން ސޮއިކުރެއްވީ އެ އެކަޑަމީގެ ސެކްރެޓަރީ ޖެނެރަލް ޕްރޮފެސަރ ޑރ. ގުތުބު މުސްތަފާ ސާނޫއެވެ. އޯއައިސީގެ އިންޓަރނޭޝަނަލް އިސްލާމީ ފިގުހު އެކަޑަމީއަކީ އިސްލާމީ ދުނިޔޭގައި އޮންނަ އިސްލާމީ އިލްމީ އެންމެ މަތީ ކައުންސިލެވެ. މި ކައުންސިލްގެ ހެޑް އޮފީސް ހުންނަނީ ޖިއްދާގައެވެ. މިދައުރުގައި އެތަނުގެ ވެރިއަކަށް ހުންނެވީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ކުރީގެ ނައިބްރައީސް ޕްރޮފެސަރ ޑރ. ގުތުބެވެ.
މި ބައްދަލުވުމުގައި ވަޒީރު ޑރ ޝަހީމް ވަނީ ޕްރޮފެސަރ ގުތުބު ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވާފައެވެ.