ދިރާސީ އާ އަހަރު ފެށުން ލަސްކުރުމާ ގުޅިގެން ސިލަބަސް ކަވަރު ކުރުމަށްޓަކައި ހޮނިހިރު ދުވަހު ރަސްމީކޮށް ކިޔަވައި ނުދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ.
ބައެއް ބެލެނިވެރިންނާއި ބައެއް ޓީޗަރުން ބުނަނީ ދިރާސީ އާ އަހަރު ފެށުން ފަސްކުރުމާ ގުޅިގެން ސިލަބަސް ކަވަރުކުރާ ނަމަ ހޮނިހިރު ދުވަހު ކިޔަވައިދޭން ޖެހޭނެ ކަމަށެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ ސިލަބަސް ކަވަރުކުރުމަށްޓަކައި ހޮނިހިރު ދުވަހު ރަސްމީކޮށް ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ރަސްމީކޮށް ނުނިންމާ ކަމަށެވެ.
"ހޮނިހިރު ދުވަހު ރަސްމީކޮށް ކިޔަވައި ނުދޭނެ. ނަމަވެސް ދިރާސީ އަހަރަށް އައި ބަދަލާއެކުގައި ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދުވަސް ވަނީ ހޮނިިހިރު ދުވަހަށް ބަދަލުކޮށްފައި." އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ކޮންމެ އަހަރަކުވެސް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދުވަސް ބާއްވަނީ ހަފްތާގެ ބުރާސްފަތި ދުވަހެއްގައި ކަމަށާއި އެކަޑަމިކް ކަލަންޑަރަށް ގެނެވުނު ބަދަލާއެކީ އެދުވަސް ހޮނިހިރު ދުވަހަށް ބަދަލު ކުރެވުނު ކަމަށެވެ.
ކޮންމެ އަހަރަކުވެސް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދުވަސް ބުރާސްފަތި ދުވަހުގައި ބާއްވާތީ އެދުވަހު ސްކޫލްތަކުގައި ކިޔެވުން ނުބާއްވައެވެ. ބައެއް ސްކޫލްތަކުން އަމިއްލަ އަށް ބައެއް ހާލަތުތަކުގައި ހޮނިހިރު ދުވަހު އެކި ކުލާސްތައް ބާއްވާ ކަމަށާއި އެ ކަމަށް ހުރަހެއް ނެތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.