ދައުލަތުން ޖަލުތަކަށް ހަމަޖައްސާފައިވާ ބަޖެޓުގެ ދަތިކަން ހުރިނަމަވެސް އެތަންތަނުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް މިހެން ވިދާޅުވީ އައްސޭރި ޖަލުގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ވާހަކަފުޅު ދައްކަވަމުންނެވެ.
މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކަކީ މި ޖީލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަން ފާހަގަކުރައްވައި ސީޕީ ހަސަން ޒަރީރު ވިދާޅުވީ ޖަލުތަކުގައި އެންމެ ގިނައިން ތިބީވެސް މަސްތުވާތަކެތީގެ އެކިކަހަލަ މައްސަލަތަކުގައި ތިބި ގައިދީން ކަމަށެވެ. އެ މީހުން ބަލަހައްޓައި، ރިހެބިލިޓޭޓްކޮށް މުޖުތަމައަށް ނެރުމަށް ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުން ކުރަނީ ޤައުމީ ޖިހާދެއްކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
ޖަލުތަކުގެ އިމާރާތްތަކާއި އުމްރާނީ ކަންކަމުގެ ހާލަތަށް އަލިއަޅުއްވާލައްވައި ކޮމިޝަނަރ ވިދާޅުވީ ބަޖެޓުގައި ދަތިކަން ހުރި ނަމަވެސް ޖަލުގައި ތިބި ޤައިދީންނާއި އެތަންތަނުގައި މަސައްކަތްކުރާ އޮފިސަރުންގެ އެކޮމޮޑޭޝަން ފަދަ ކަންކަން ރަނގަޅު ކުރުމަށް، މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ޖަލުތައް ކޮމާޝަލައިޒްކޮށް މިހާރު ހިންގަމުންދާ މަޝްރޫއުތައް ފުޅާކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޮފިސަރުނާއި މުވައްޒަފުން ތަރައްގީކޮށް، ތައުލީމީ ފުރުސަތު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީސް (އައިކޯސްޓް) ކޮލެޖަކަށް ބަދަލުކޮށް މާސްޓާސް ޑިގްރީ ފެންވަރުގެ ކޯސްތައް ހިލޭ ހިންގުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.