ރިސާލާ ޕްރޮގްރާމްގެ ދަށުން 1445ގެ ރަމަޟާން މަހަށް ޓީވީ ޕްރޮގްރަމްތައް ހެދުމަށް ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 11ސ
ރިސާލާ ޕްރޮގްރާމްގެ ދަށުން 1445ގެ ރަމަޟާން މަހަށް ޓީވީ ޕްރޮގްރަމްތައް ހެދުމަށް ހުޅުވާލައިފި

އިސްލާމީ ވުޒާރާއިން ހިންގާ ރިސާލާ ޕްރޮގްރާމްގެ ދަށުން 1445 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްސަ ޓީވީ ޕްރޮގްރަމްތައް ހެދުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެ ވުޒާރާ އިން ނެރުނު އިއުލާނެއްގައިވާ ގޮތުގައި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިގެން ޓީވީ ޗެނެލް ހިންގާ ވިޔަފާރިތަކަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކޮށް މައުލޫމާތު ސާފު ކުރުމަށް ވުޒާރާއަށް ގޮސް އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ. މި އިއުލާނާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީބިޑް މީޓިން 2024 ޖަނަވަރީ 18 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށް އިސްލާމީ ވުޒާރާއިން ހާމަކުރެއެވެ.

އަދި އިއުލާނާ ގުޅޭ މައުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، ޕްރީބިޑް މީޓިންއަށް ފަހު މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މާދަމާ ހެނދުނު 10:00 ގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ޖެނުއަރީ 25 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ކަމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވެސް އިއުލާންގައިވެއެވެ.

ރިސާލަތު ޕްރޮގްރާމަކީ ރައްޔިތުންގެ ހިތްތަކުގައި އިސްލާމްކަމާއި އީމާންކަމުގެ ރުކުންތައް ހަރުދަނާކޮށް އަގީދާ ވަރުގަދަކުރުމާއެކު އިސްލާމްދީނުގެ މައިގަނޑު ރުކުންތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމު މެދުވެރިކޮށް އިސްލާމްދީނަށް ލޯބިކުރާ ހަރުދަނާ ޖީލެއް އުފެއްދުމަށާއި ފަރުޟު ފަސް ނަމާދަށް ސަމާލުކަންދީ ޖަމާއަތުގައި ނަމާދުކުރާ މުޖުތަމައުއެއް ބިނާކުރުމާއި ހަރުދަނާ އަގީދާއެއްގެ މަތީގައި ސާބިތުވެފައިވާ ޖީލެއް ބިނާކުރުމާއި މާތް ﷲ އަށްޓަކައި ލޯބިކޮށް މާތް ﷲ އަށް ޓަކައި ވަކިވެދާ ޖީލެއް އުފެއްދުމަކީ އަމާޒުކަމަށް ވެސް އެ ވުޒާރާ އިން ފާހަގަކުރެއެވެ. މީގެއިތުރުން ކީރިތި ރަސޫލާ އާއި އެކަލޭގެފާނުގެ އަހުލުބައިތުންނާއި އަސްހާބު ބޭކަލުންނަށް ލޯބިކުރާ މުޖުތަމައުއެއް އުފައްދާ، އިސްލާމްދީނުގެ ރުކުންތަކަށް އަމަލުކުރާ އީމާންކަމުގެ ރުކުންތައް ޤަބޫލުކުރާ ޖީލެއް ބިނާކުރުމާއެކު އެއްބައިވަންތަ މުޖުތަމައެއް އުފެއްދުމަކީ މި ޕްރޮގްރާމުގެ ތެރެއިން ހާސިލު ކުރަން ބޭނުންވާ ކަންތައްތައް ކަމަށް އެ ވުޒާރާ އިން ހާމަކުރެއެވެ.

މިއަދު އޮންލައިން