ފަންނިއްޔަތާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ސަރުކާރުން ކަނޑައަޅާފައިވާ ޢަމާޒު ހާސިލްވެއްޖެނަމަ، ރާއްޖެއަކީވެސް މިސަރަޙައްދުގައި އައިޓީ ހަބެއްގެ ގޮތުގައި ތަރައްޤީކުރެވޭނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަޙީދު ވިދާޅުވެއްޖެއެވެ.
ފަންނިއްޔަތުގެ ދާއިރާއިން އަންހެނުން ބިނާކުރުމާއި، ކޯޑިންގެ ދާއިރާއިން ޒުވާނުން ތަމްރީންކުރުމަށް ފަށާ ޕްރޮގްރާމްގާއި ގުޅޭގޮތުން ކަމާގުޅުންހުރި ދާއިރާތަކުގެ މެދުގައި ބޭއްވި މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މިޕްރޮގްރާމްގެ މަޤްޞަދަކީ ރާއްޖެއަށް މުހިންމު ދާއިރާތަކުން ދިވެހިން ބިނާކުރުން ކަމަށެވެ.
"މީހުން ބިނާކުރުމުގެ މިޕްރޮގްރާމަކީ ސިލްސިލާ ޕްރޮގްރާމެއް. ވޯކިން ސެޝަންތަކާއި ހެކަތޯނެއްވެސް މިމަހު ލޯންޗްކުރާނަން. ހެކަތޯން އޮންނާނީ އަންނަ މަހު. ރަނގަޅު މަސައްކަތެއް ކުރެވިއްޖެނަމަ، އައިޓީގެ ވަރުގަދަ ސިކުނޑިތައް ރާއްޖޭގައި ހިފެހެއްޓޭނެ." ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަޙީދު ވިދާޅުވިއެވެ.
މިޕްރޮގްރާމްގައި އެކި ލެވަލްތަކުގައި ތަޢުލީމު ޙާސިލްކޮށް ތަމްރީންވުމުގެ 500 ފުރުޞަތު، 5 އަހަރުތެރޭ ހުޅުވާލުމަށް ނިންމަވާފައިވާއިރު މިކަމުގައި ވުޒާރާއާއެކު އިސްކޮށް މަސައްކަތްކުރައްވަނީ ވުމަން އިން ޓެކް އަދި ސްޕަރކް ހަބްގެ ފަރާތުންނެވެ.