ކްރިމިނަލް ކޯޓު ހިންގަމުން އަންނަ އިމާރާތް ބާވެ، މަސައްކަތް ކުރެވޭނެފަދަ މާހައުލެއް އޮތް އިމާރާތަކަށް ނުވާތީ ހިތާމަކުރަން: އުއްތަމަ ފަނޑިޔާރު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 31ސ
ކްރިމިނަލް ކޯޓު ހިންގަމުން އަންނަ އިމާރާތް ބާވެ، މަސައްކަތް ކުރެވޭނެފަދަ މާހައުލެއް އޮތް އިމާރާތަކަށް ނުވާތީ ހިތާމަކުރަން: އުއްތަމަ ފަނޑިޔާރު

ކްރިމިނަލް ކޯޓު ހިންގަމުން އަންނަ އިމާރާތް ބާވެ، އެތަނަކީ މީހުން ހާޒިރުކޮށް މަސައްކަތް ކުރެވޭނެ ފަދަ މާހައުލެއް އޮތް އިމާރާތަކަށް ނުވާތީ ހިތާމަ ކުރައްވާ ކަމަށާއި އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް އުއްތަމަ ފަނޑިޔާރު، އަހުމަދު މުއުތަސިމް އަދުނާން ރޭ ގޮވާލައިފިއެވެ.

ޝަރުއީ ދާއިރާގެ މަސައްކަތްތައް ފެށުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ 'ޤަޟާއީ އަހަރު 2024' ފާހަގަ ކުރުމަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް 854 މައްސަލަ ކޯޓަށް ހުށަހެޅުނު ކަމަށެވެ. ނަމަވެސް އެ ކޯޓު ހިންގަމުން އަންނަ އިމާރާތް ބާވެ، އެތަނަކީ މީހުން ހާޒިރުކޮށް މަސައްކަތް ކުރެވޭނެ ފަދަ މާހައުލެއް އޮތް އިމާރާތަކަށް ނުވާތީ ހިތާމަ ކުރާ ކަމަށް ވިދާޅުވިއެވެ.

ޖިނާއީ ހުރިހާ މައްސަލަތައް މާލޭގައި ހުއްޓިފައިވާ ކަމަށާއި ދައުލަތުގެ ހުރިހާ މުއައްސަސާއެއް ގުޅިގެން މިކަން މިހާރުން މިހާރަށް ހައްލު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި މިކަމަކީ ޖިނާއީ އަދުލުގެ ނިޒާމު ހުއްޓި މުޖުތަމައުއަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"މިހާރު ވެސް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކޯޓުން ކޮންމެހެން ނެރެންޖެހޭ އަމުރުތައް ނެރުމަށްޓަކައި މީހުން ހާޒިރު ކުރާނެ، ފަނޑިޔާރުން އިށީނދެވަޑައިގަންނަވާނެ އަދި މުވައްޒަފުން ތިއްބަވާނެ ތަނެއް ނެތްކަން ފާހަގަ ކުރަން،" އެކަމާ ހިތާމަ ކުރައްވާކަން ފާހަގަ ކުރައްވަމުން މުއުތަސިމް ވިދާޅުވި އެވެ.

"ނަތީޖާއަކީ ޖިނާއީ ހުރިހާ މައްސަލަތައް މާލޭގައި މިވަގުތު ހުއްޓިފައިވުން. މިކަމަކީ މިހާރުން މިހާރަށް ދައުލަތުގެ އެންމެހައި ފަރާތްތައް ގުޅިގެން އަވަސް ހައްލެއް ހޯދައިދޭންޖެހޭނެ ކަމެއް."

ކްރިމިނަލް ކޯޓުގެ އިތުރުން ވެސް މިދިޔަ އަހަރަކީ ޝަރުއީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްީ ހީނަރުވެ ޖާގައިގެ ދަތިކަމާ ކުރިމަތިލާން ޖެހުނު އަހަރެއް ކަމަށް މުއުތަސިމް ވިދާޅުވި އެވެ. އެގޮތުން ވާރޭ ވެހުމުގެ ސަބަބުން ފެމިލީ ކޯޓާއި ޑްރަގު ކޯޓުގެ އިތުރުން ވެސް ބައެއް މެޖިސްޓުރޭޓު ކޯޓުތަކުގެ އިމާރާތްތަކަށާއި ވަސީލަތްތަކަށް ގެއްލުން ލިބުނުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އޭގެ ތެރެއިން ފެމިލީ ކޯޓަށް ލިބުނު ގެއްލުންތައް ވަޒަންކޮށް ޑިޕާޓުމެންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ދަންނަވައިގެން އެތަން މަރާމާތު ކުރުމުގެ މަސައްކަތް މިދިޔަ އަހަރު ކޮށްފައިވާ ކަންވެސް މުއުތަސިމް ވަނީ ފާހަގަ ކުރައްވާފައެވެ. 

ޤަޟާއީ އަހަރު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ، ފާއިތުވި އަހަރުގެ ތެރޭގައި ޝަރުޢީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުވީ މިންވަރު ދެނެގަނެ ފެށޭ އަހަރަށް ލަނޑުދަނޑިތައް ކަނޑައެޅުމެވެ. މިރަސްމިއްޔާތުގައި ވަނީ ޝަރުޢީ ދާއިރާއަށް 35 އަހަރަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް އެބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ އަރުވާފައެވެ. އެ ބޭފުޅުންނާ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒެވެ.

މި ރަސްމިއްޔާތުގައި ޝަރުއީ ދާއިރާއާއި އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

 

 

 

 

މިއަދު އޮންލައިން