އިމާމުން ތަމްރީންކުރުމަށް ހިންގާ ޕްރޮގްރާމުގެ ފުރަތަމަ ބުރު އަންނަމަހު ފެށުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ޒަމާނީ ދީނީ ގޮންޖެހުންތަކާއި އިލްމީ، އަޚްލާޤީ، ފިޤުހީ މައްސަލަތަކަށް އަމާޒުކޮށް ރާއްޖޭގެ ހުރިހައި އިމާމުން ތަމްރީނުކުރުމުގެ ޤައުމީ މަޝްރޫޢެއް އިއުލާންކުރެވޭނެ ކަމަށާއި މީގެ ފުރަތަމަ ބުރު ފެބްރުއަރީގައި ފަށާނެކަމަށެވެ.
ރާއްޖޭގައި މިވަގުތުވެސް 800 އެއްހާ އިމާމުން ހަރަކާތްތެރިވަމުން އަންނައިރު އިމާމުން ތަމްރީންކުރުމުގެ ފުރަތަމަ ބުރު ގައި 77 އިމާމުން ބައިވެރިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އިމާމުން ތަމްރީންކުރުމުގެ ފުރަތަމަ ބުރު އޮންނާނީ ގއ. އަތޮޅުގައިކަން ވަޒީރު ވަނީ ފާޙަގަ ކުރައްވާފައެވެ.