ވިޔަފާރީގެ މައިދާނަށް އަންހެނުން ނެރުމަށް އަންހެނުންނަށް ހާއްސަކޮށް 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ނިންމާފައިފިއެވެ. މިކަން އިއުލާން ކުރެއްވީ ސަރުކާރުގެ "ހަފްތާ 14 މަގުޗާޓު"ގައި ހިމެނޭ ހިޔަލަ ވީކެންޑް މާކެޓް ފަށްޓަވައިދެއްވަމުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއެވެ.
އަންހެނުން ބާރުވެރިކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ސަރުކާރުން ގަބޫލުކުރާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އަންހެނުންނަށް ހާއްސަކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ސަރުކާރުން ނިންމާފައިވާއިރު ކުދި ވިޔަފާރިތަކަށް ވެސް މާލީ އެހީ ދިނުމަށް ލޯނެއް ވަރަށް އަވަހަށް ތައާރަފު ކުރާނެ ކަމަށެވެ.

"ހިޔަލަ ވީކެންޑް މާކެޓް" އަކީ ސަރުކާރުގެ "ހަފްތާ 14 މަގުޗާޓު"ގައި ހިމަނާފައިވާ މަސައްކަތްތަކުގެ ތެރެއިން ކަނބަލުން އުފައްދާ އުފެއްދުންތައް ވިއްކުމަށް ޚާއްސަ ސަރަޙައްދެއް ހުޅުމާލޭގައި ކަނޑައަޅައި، ވިޔަފާރިކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ޤާއިމްކުރާ މާކެޓެކެވެ.
އަންހެން ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ބާއްވާ މި މާކެޓް ކުރިއަށްދަނީ ހުޅުމާލޭ، ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ކޮންޓެއިނަރ ޕާކު ސަރަޙައްދުގައެވެ. މި މާކެޓް ކުރިއަށްދާނީ ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު، މި ދެ ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 23:00 އަށެވެ.
"ހިޔަލަ ވީކެންޑް މާކެޓް"ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވެއިޓް ލިސްޓް ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން މި މާކެޓުގައި ބައިވެރިވާން ބޭނުންވާ އަންހެން ވިޔަފާރިވެރިންނަށް ބީސީސީން މިކަމަށް ޚާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް، ވެއިޓްލިސްޓް ކުރެވޭނެއެވެ.