ޤަދަރު އުފުލުމަކީ ޖަދަލުކޮށްގެން ކުރެވޭ ކަމެއް ނޫން - ހެޔޮ ބަސްބުނެ ހެޔޮ އަމަލު ކުރާނަމަ ދާނީ ޤަދަރު އުފުލެމުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ޤަދަރު އުފުލުމަކީ ޖަދަލުކޮށްގެން ކުރެވޭ ކަމެއް ނޫން - ހެޔޮ ބަސްބުނެ ހެޔޮ އަމަލު ކުރާނަމަ ދާނީ ޤަދަރު އުފުލެމުން!

"ތިބާ އާއިމެދު އެންމެ އުނދަގޫ އެއްކަމަކަށް ވާނީ ތިބާގެ އަޞްލު ތެދު  ޙަޤީޤަތް އެހެންމީހުންނަށް ހާމަކޮށްދިނުމެވެ. އެކަމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ތިބާ އާއިމެދު ދޮގު ވާހަކަ ފަތުރާ މީހަކަށް ނަމަވެސް، އެހެން މީހަކަށް ނަމަވެސް އެއްވެސް މީހަކަށް ކުޑައިމިސް ބަހެއްވެސް ނުބުނުމެވެ.

 

އެހެން މީހުން ބަދުނާމު ކުރަން އުޅުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އަދި އެހެން މީހަކަށް މަލާމާތުގެ ބަހެއްވެސް ބުނުމުގެ ބޭނުމެއް ނެތެވެ. އެންމެންނަށް ވެސް ހިތްހެޔޮކުރާށެވެ. ހެޔޮ ބަހެއް ނޫނީ ނުބުނާށެވެ. ހެޔޮ އަމަލެއް ނޫނީ ނުކުރާށެވެ.

 

ތިބާގެ ހެޔޮ ބަސްތަކާއި ހެޔޮ އަމަލުތަކުގެ ސަބަބުން ތިބާއަށް ދާނީ ކުރިއެރުން ލިބެމުންނެވެ. މީސްތަކުންގެ ލޯބި ލިބި އިތުރުވަމުންނެވެ. ޤަދަރު އުފުލެމުންނެވެ. ޤަދަރު އުފުލުމަކީ ޚިޔާލުތަފާތުވާ މީހުންނާއި ޒުވާބުކޮށް ޖަދަލުކުރުމުން ކުރެވޭނެ ކަމެއް ނޫނެވެ. ދުލާއި އަމަލުތައް ސީދާ ނަމަ ދާނީ ޤަދަރު ލިބި އިތުރުވަމުންނެވެ.

 

ސޯޝަލް މީޑިއާގައިވެސް ޖަދަލު ނުކުރާށެވެ. މީހަކު ބަހެއް ބުނީތީ ކަންބޮޑުނުވާށެވެ. އެމީހާ ބުނި ބަހަށް ރައްދު ނުދީ ހުރުމަކީ ދެރަވުމެއް ނޫނެވެ. އެއީ މޮޅުވުމެވެ. މީހުން ކުރާ ތުހުމަތުތަކުން ސަލާމަތްވާން ވާހަކަ ދެއްކި ވަރަކަށް ކުރެވޭ ތުހުމަތުތައް އިތުރުވާނީއެވެ. އިތުރަށް ޝައްކުތައް އުފެދޭނީއެވެ. އަޅައިވެސް ނުލުމުން ސާބިތުވެގެންދާނީ ތިބާގެ ހަރުދަނާ ކަމެވެ."

 

އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން