ދީނާއި ގައުމިއްޔަތަށް އިސްކަންދެވޭނެ ގޮތަކަށް ސްކޫލުތަކުގައި ހަރަކާތްތައް ހިންގަން ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ވިދާޅުވީ އިސްލާމް ދީނާއި ރާއްޖޭގެ ތާރީހާއި ސަގާފަތަށް ހާއްސަ ސަމާލުކަމެެއް ދެވޭ ގޮތަށް ސްކޫލްތަކުގެ ހަރަކާތްތައް ރާވައި ހިންގާނެ އުސޫލެއް ހެދުމަށް ސޯޝަލް ކައުންސިލުން ނިންމާފައިވާ ކަމަށާއި އޭގެތެރޭގައި ސްކޫލްތަކުގެ ކޮންމެ ދަންފަޅިއެއްގައި ގައުމީ ސަލާމް ކިޔުމާއި ސްކޫލްތަކުގެ އެސެމްބަލީގައި މިހާރު ކަންކަން ހިނގާ ގޮތް އިތުރަށް މުރާޖައާކޮށް، ދީނާއި ގައުމިއްޔަތުގެ މަގްސަދުތައް ހާސިލްވާނެ ގޮތަށް ފަރުމާކޮށް، ބައްޓަން ކުރުން ހިމެނެއެވެ.
އަދި އުމީ ފެންވަރުގައި ފާހަގަކުރާ ހާއްސަ ދުވަސްތައް ކަލަންޑަރު ކޮށްގެން ތާވަލް އެކުލަވާލައި ދީނާއި ގައުމިއްޔަތުގެ މަގްސަދުތައް ހާސިލްވާނެ ގޮތަށް އެ ކަންކަން އިންތިޒާމު ކުރެވޭނެ ގޮތަށް ކަންކަން ތަރުތީބު ކުރުން ވެސް ހިމެނެއެވެ.
މީގެއިތުރުން ދިވެހި ބަހަށް ސްކޫލްތަކުގައި އިސްކަން ދިނުމަށް އަމަލީ ގޮތުން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމާއި ސްކޫލް ކުދިންނަށް ބޭނުންވާ އިލްމީ ދަރުސްތައް ދިނުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީ އާއި އެޑިޔުކޭޝަން މިނިސްޓްރީ ގުޅިގެން ކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.