ބައެއް ގްރޫޕްތަކުން ކުޑަކުދިންގެ ނާޖާއިޒު ފައިދާ ނަގަމުން އަންނަކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
"ޖުވެނައިލް ޖަސްޓިސް ސިމްޕޯޒިއަމް" ފެށުމަށް ބަންޑޮސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ޤާނޫނު ތަންފީޒު ކުރުމުގައި މުއައްސަސާތަކުން ކުރާ މަސައްކަތްތަކުގައި ފުށުއަރާ ކަންކަން ހުރިކަން ފާހަގަކުރައްވައި އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.
ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ "އަޅުގަނޑުުމެންގެ ތުއްތު ކުދިންނަކީ ތަކުރާރުކޮށް ކުށަށް ހުށަހެޅި ކުށުގެ މާހައުލުގައި އެކްސްޕްލޮއިޑް ކުރެވި ކުށުގެ ވެށީގައި އެމީހުންގެ ބޭނުން ނަހަމަގޮތުގައި ބޭނުން ހިފަމުން އަންނަ މާހައުލެއް އޮތް ގައުމެއް. މި ރާއްޖޭގައި މި ގާނޫނުގެ ދަށުން ކުދިންނަށް ވަކި ބާވަތެއްގެ ރައްކާތެރިކަން ފޯރުކޮށްދޭކަން ކަށަވަރުވާތީ އެކަން އެކްސްޕްލޮއިޑް ކުރަމުން އަންނަ މީހުން ރާއްޖޭގެ މާހައުލުގައި އެބައުޅޭ." ކަމަށެވެ.
2019 ވަނަ އަހަރު ކުޑަކުދިންގެ އަދުލުގެ ޤާނޫނު އައިފަހުން އެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުން ޤާނޫނުގައި އިސްލާހު ކުރަން ހުރި ކަންކަމުގެ ވާހަކަތައް ދައްކަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ޤާނޫނަށް ގެނެސްފައިވަނީ އެންމެ އިސްލާހެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެ ޤާނޫނަށް އިޞްލާހު ގެނެސްފައިނުވާތީ، ބައެއް މުއައްސަސާތަކުން އަދާ ކުރަން ޖެހޭ ޒިންމާ އަދާ ނުކޮށް އެބަތިބިކަމަށެވެ.
"ރާއްޖޭގެ ގާނޫނުތަކަކީ އެހާ ބާރުމިނުގައި އެޑަޕްޓްވެގެން އަންނަ ގާނޫނުތަކެއް ނޫން. އަޅުގަނޑުމެން އަވަސްކުރަން ބޭނުންވާ ގާނޫނުތައް އަޅުގަނޑުމެން އަވަސްކުރާނެ، މިސާލަކަށް މުސާރައާ ބެހޭ ގާނޫނެއްވެއްޖެ ނަމަ، ހަމަ ހެނދުނު ޕްރޮޕޯސްކޮށް މެންދުރު ފާސްކޮށް ހަވީރު ތަސްދީގުކޮށް ރޭގަނޑު މުސާރަ ނަގައިގެން އަޅުގަނޑުމެން ތިބޭނީ." އިހުސާން ވިދާޅުވިއެވެ.