ޖަލުގައި ބަންދުކޮށްފައިވާ ދެ ގައިދީން ކައިވެނިކުރުން މަނާކުރެވިދާނެ ކަމަށް ފިޤްހު އެކަޑަމީން ފަތުވާ ނެރެފިއެވެ.
ޖަލުގައި ހުކުމް ތަންފީޛުކުރަމުންދާ ދެ ގައިދީން ކައިވެނިކުރުމާ ގުޅޭގޮތުން ނެރުނު ފަތުވާގައި ބުނެފައި ވަނީ، މިނިވަން ފަރުދުންނަށް ލިބިދީފައިވާ ހައްގުތަކުގެ ތެރެއިން ބައެއް ހައްގުތަކުން ޖަލުގައި ހުކުމް ތަންފީޛުކުރަމުންދާ ޤައިދީން، ވަގުތީގޮތުން މަހުރޫމުކުރުމަކީ ޝަރުއީ މަސްލަހަތާ ފުށުއަރާ ކަމެއް ނޫން ކަމަށެވެ.
ޖަލުތައް ހެދިފައި ހުންނަނީ އަދި ޖަލުތަކުގެ ނިޒާމު ހަމަޖެހި ހިންގަމުން ދަނީ، ކައިވެނިކޮށްގެން އުޅޭ ދެ ގައިދީންނަށް ލިބޭ ދަރިން ބެލެހެއްޓޭނެ އިންތިޒާމެއްގެ ދަށުންކަމުގައި ނުވާތީ، އެ ދެ ގައިދީން ކައިވެނިކުރުމަކީ އިޖުތިމާއީ އިތުރު މައްސަލަތަކެއް އުފެދިދާނެކަމެއްކަން ފަތުވާގައި ފާހަގަކޮށްފައިވެއެވެ. މި ހާލަތުގައި ތިބި ދެ މީހުން ކުރާ ކައިވެނީގެ ތެރެއިން ދަރިއަކު ލިބިއްޖެނަމަ، އެ ކުއްޖާގެ އެންމެހާ ކަންކަން ބެލެހެއްޓުމުގެ އިތުރު ތަކުލީފުތަކެއް ދައުލަތަށް ތަހައްމަލުކުރަންޖެހޭ ހާލަތު މެދުވެރިވާކަން ވެސް ފަތުވާގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން، ދަރިންނަށް ލިބެންޖެހޭ ތަރުބިއްޔަތާއި މައިންބަފައިންގެ ލޯބިން އެކުދިން މަހްރޫމުވެގެން ހިނގައިދާނެކަމުގެ ބިރު އޮތްނަމަ، މުޖުތަމައުއަށް ކުރިމަތިވެދާނެ ގެއްލުންތަކަކުން ރައްކާތެރިކުވުމުގެ ގޮތުން އެ ދެ ގައިދީން ކައިވެނިކުރުން ވަގުތީގޮތުން މަނާކުރުމަށްޓަކައި އިސްލާމީ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ގަވައިދެއް ހެދުމަކީ އިސްލާމީ ޝަރީޢަތާ ފުށުއަރާކަމެއް ނޫންކަމަށް ފަތުވާގައި ބުނެފައިވެއެވެ.
ގައިދީން ކައިވެނިކުރުން މުތުލަގު ގޮތެއްގައި މަނާކުރާ ޝަރުއީ ދަލީލެއް ނެތުމާއެކު، ޝަރުއީ އިމުގެ ތެރެއިން ޖަލުގައި ހުކުމް ތަންފީޛުކުރާ ގައިދީންގެ ޖިންސީ ޣަރީޒާ ފުއްދުމުގެ ގޮތުން، ކުރިން މީހުންނާ އިނދެގެން ތިބޭ ގައިދީންނަށް ޝަރުއީ ހަލްވަތުކުރުމާ، އަލަށް ކައިވެނި ކުރުމަށް ބޭނުންވާ ގައިދީންނަށް ކައިވެނިކުރުމާ ގުޅޭ ގަވައިދެއް އޮތުމަކީ ނުހަނު ބޭނުންތެރިކަމެއްކަމަށް ފަތުވާގައި ބުނެފައިވެއެވެ.