ރައްޔިތަކަށް ފަސޭހަވާނެ ލާބައެއް ލިބޭނެ އެއްވެސް ކަމެއްގައި ހުރަހަކަށް ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަަމަށް މާލެސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް ވިދާޅުވީ ލާމަރުކަޒީ ނިޒާމް ތަރުތީބުވެފައި އޮތީ މައި ސަރުކާރުގެ އެހީތެރިކަމާއިއެކުގައި ކަމަށެވެ. އަދި އާޒިމްގެ މޭޔަރު ކަމުގެ ދައުރުގައި ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭނެ ހުރިހާ ކަމަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އާޒިމަކީ ރައްޔިތުންގެ ޚިދުމަތުގައި ހުރި މީހެއްކަމަށާއި އެއީ އެންމެންގެ މޭޔަރުކަން އަބަދުވެސް ހަނދާންކުރައްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑު މަސައްކަތް ކުރާނީ އެންމެންނާއި ގުޅިގެން ޤާނޫނީ އިމުގެ ތެރެއިން. އަޅުގަނޑުގެ އެއްބާރުލުން ސަރުކާރަށް އަދި މުއައްސަސާތަކަށް އަބަދުވެސް ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު އަރުވަން. ރައްޔިތަކަށް ފަސޭހައެއް ލިބޭނެ ލާބައެއް ލިބޭނެ އެއްވެސް ކަމެއްގައި އަޅުގަނޑު ހުރަހަކަށް ނުވާނެ ކަމުގެ ޔަޤީންކަން ސަރުކާރަށާއި، މުއައްސަސާތަކަށް އަރުވަން." އާޒިމް ވިދާޅުވިއެވެ. އަދި މި ތަންތަން ވީހާވެސް އަވަހަކަށް މާލޭގެ އިހުތިސޯސްގެ ތެރެއަށް ލައްވާ ދިނުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
މީގެއިތުރުން ލާމަރުކަޒީ ނިޒާމް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވާ މޭޔަރ އާޒިމް ވަނީ ޝުކުރުއަދާ ކުރައްވާފައެވެ. އާޒިމް ވިދާޅުވީ ލާމަރުކަޒީ ނިޒާމް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވާ ޝުކުރުއަދާ ކުރައްވާ ކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާ މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމުގައި ހުންނެވިއިރު ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައިވެސް އެމަނިކުފާނަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.