އާރްޓީއެލް ފެރީ ނިޒާމް ހަރުދަނާ ކުރުމަށް ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)އާ އެކު ސަރުކާރުން މަޝްވަރާކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވަނީ އިއްޔެ ޖައިކާގެ އޮފިޝަލުންނާ ބައްދަލުކުރައްވައި، އެކަމާ ގުޅޭގޮތުން މަޝްވާރާތަކެއް ކުރައްވާފައެވެ.
އެކަމާގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އާރްޓީއެލް ފެރީ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް ޖޭއައިސީއޭގެ ފަރާތުން ޓެކްނިކަލް ކޮންސަލްޓެންސީ ދިނުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ހަދާ ފެރީ ޓާމިނަލްތަކުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށްވެސް މަޝްވަރާކުރެވުނު ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އާރުޓީއެލް ފެރީގެ ނިޒާމަކީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް ނިމިދިޔަ ސަރުކާރުން ފެށި މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މިހާރު އާރުޓީއެލްގެ ހިދުމަތް ދެމުން އަންނަނީ ހއ. އަތޮޅާއި ހދ، ށ، ޅ، ގއ، ގދ އަތޮޅުގެ އިރުރުން ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައެވެ.