ކަޅުވަކަރު މިސްކިތް ހުރި މައިދާނުގައި ބަހައްޓަން ކަޅުއޮށްފުންމި (އުތީމު މަހާރަދުން ބެންނެވި އޮޅިކޮޅުގެ ނަކަލް) މާލެ ގެނައުމުގެ މަސައްކަތް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
މިކަމާގުޅިގެން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކަޅުއޮށްފުންމި މާލެ ގެންނަނީ އުތީމު މަހާރަދުން ކުރެއްވި މިނިވަންކަމުގެ ޖިހާދާ ބެހޭ މަޢުލޫމާތު ލިބޭނެ އިންތިޒާމުތަކާއެކު ގިނަބަޔަކަށް ފެންނާނެ ގޮތަށް ބެހެއްޓުމުގެ ބޭނުމުގައި ކަމަށެވެ. އަދި ކަޅުވަކަރު މިސްކިތް ހުރި މައިދާނުގައި ބެހެއްޓުމަށް ނިންމަވާފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
އުތީމު މަހާރަދުން ބެންނެވި އޮޅިކޮޅުގެ ނަކަލު ބަނދެވުނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައެވެ.