ގދ. ތިނަދޫ އާއި އެ އަތޮޅު ކާޑެއްދޫ ބްރިޖަކުން ގުޅުވާލާ މަޝްރޫއުގެ ކޮންސަލްޓެންސީ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން އިއުލާން ކޮށްފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މި މަސައްކަތްތަކުގެ ތެރޭގައި ތިނަދޫ – ކާޑެއްދޫ ލިންކް ޕްރޮޖެކްޓްގެ މަސައްކަތްކުރުމަށް ބޭނުންވާ ކޮމްޕްރިހެންސިވް ފީސިބިލިޓީ (ރެކޮނައިސަންސް ސަރވޭ އަދި ކޮމްޕްރިހެންސިވް ޑެސްކް ރިވިއު) ސްޓަޑީ އެ މިނިސްޓްރީ އަދި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދިއުން ހިމެނޭ ކަމަށާއި ކޮންސަލްޓެންސީ މަސައްކަތަށް ދޭނީ ސޮއިކުރާ ތާރީހުން ފެށިގެން 45 ދުވަސް ކަމަށެވެ. އަދި ޝައުގުވެރިކަން ފާޅުކޮށް، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12 ކަމަށް ވެސް އިއުލާންގައިވެއެވެ.
އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ އަދި ޝަރުތު ހަމަވާ ކޮންސަލްޓިން ކުންފުނިތަކުން، ޓާރމްސް އޮފް ރިފަރެންސްއާ އެއްގޮތަށް ކުރިމަތި ލުމުގެ ފުރުސަތު މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. މިނިސްޓްރީން ބުނީ މަސައްކަތަށް ޝަރުތުހަމަވާ ފަރާތްކުން މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައި ވާން ޖެހޭނެ ކަމަށެވެ. އަދި މަސަައްކަތް ކުރަން ގެންގުޅޭ ކޮންސަލްޓަންޓުންނަކީ މަސައްކަތުގައި ބައިވެރިވޭނެ ފަރާތްތަކެއްތޯ މިނިސްޓްރީން ބަލާނެއެވެ.
މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ މަސައްކަތުގެ ކޮލިޓީ އާއި އަގަށް ރިއާޔަތްކުރާ، ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން ކޮންސަލްޓަންސީ ޕްރޮކިއުމަންޓް އުސޫލުގެ ދަށުންނެވެ. ހުށަހެޅުންތަކުގެ ފެންވަރު ރަނގަޅު ކުރަން ބޭނުންވާ ބަޔަކަށް އެހެން ބަޔަކާ ގުޅިގެން ޕްރޮޕޯސަލްތައް ހުށަހަޅަން ވެސް މިނިސްޓްރީން ވަނީ ފުރުސަތު ދީފައެވެ.
ހިތަދޫ އާއި ހުޅުމީދޫ 23 ކިލޯމީޓަރު ހުންނައިރު، ތިނަދޫ އާއި ކާޑެއްދޫގެ ދުރުމިނުގައި 4.4 ކިލޯމީޓަރު ހުރެއެވެ. އައްޑު ބްރިޖްގެ މަސައްކަތް ހަފްތާ 14 ގައި ހިމަނާފައިވާއިރު އެ މަސައްކަތަށް މިއަހަރުގެ ބަޖެޓުގައި 30 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ.
މިނިސްޓްރީން ވަނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 31 ވަނަ ދުވަހުގެ 12:00 ގެ ކުރިން ބީލަން ހުށަހެޅުމަށް އެދިފައެވެ.