މީހާ މަރުވުމުންވެސް އެމީހަކަށް ފައިދާކުރާނެ (ފާފަފުއްސަވައި ޘަވާބު އިތުރުވަމުންދާނެ) 3 ކަމެއް ވެއެވެ.
"ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައިވޭ! އިންސާނާ މަރުވެދިއުމަށްފަހު ހުރިހާ ކަމެއް އޭނާ އާއި ވަކިވެގެން ދިއައީކަމަށް. 3 ކަމެއް ފިޔަވައި. އެ 3 ކަމަކީ (1) ދެމިހުރި ޞަދަޤާތެއް. (2) އެމީހަކު ދުނިޔެއަށް ދޫކުރާ (މީސްތަކުންނަށް ފައިދާކުރާނެ) ޢިލްމެއް. (3) އެމީހަކަށްޓަކައި ހެޔޮދުޢާކޮށްދޭނެ ޞާލިޙް ދަރިއެއް."
މި3 ކަންތަކަކީ އެމީހަކު ދުނިޔޭގައި ނެތަސް އެމީހަކަށް ޘަވާބާއި ދަރުމަ ލިބިލިބި ހުންނާނެ 3 ކަންތަކެވެ. އެކަންކަމުގެ ތެރެއިން އެންމެ މާތް އެއްކަމަކީ މިސްކިތް ބިނާކުރުމެވެ.
"ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައިއޮވޭ! މާތް ﷲ އަށްޓަކައި މިސްކިތެއް ބިނާކޮށްފިކަމުގައިވަނީނަމަ އެމީހަކަށްޓަކައި މާތް ﷲ ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވަވާނެއެވެ." މިސްކިތް ބިނާކުރުމަކީ އެހައިވެސް މާތް ކަމެކެވެ.
މިއީ 3 މިސްކިތެއް ބިނާކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރަން އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވާ ބަސްކޮޅެކެވެ.
ރާއްޖޭގެ ވެރިކަން ބަދަލުވުމާއިއެކު އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތް އެޅުމަށާއި މިސްކިތްތައް މަރާމާތުކުރުމަށާއި އަދި އެހެންވެސް ގޮތްގޮތުން މިސްކިތްތަކަށް އެހީތެރިވުމުގެ ފުރުޞަތު ހުޅުވާލައިފައެވެ. މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވެފައިވަނީ އެފަދަ ކޮންމެ ކަމަކަށް ކޮންމެ ފަރާތަކުން ކުރިމަތިލި ނަމަވެސް އެމީހަކަށް މަރުޙަބާވިދާޅުވާނެ ކަމަށާއި އެމީހަކަށް އިސްލާމިކް މިނިސްޓްރީން މަގުފަހިކޮށްދީ އެހީތެރިވެދޭނެ ކަމަށެވެ.