ވަޒީރުންނާ ސުވާލު ކުރެވޭ ޕަބްލިކް ފޯރަމް މިރޭ ފަށަން ސަރުކާރުން ނިންމައިފިއެވެ.
މި ފޯރަމް ކުރިއަށްގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެންނެވެ. ދެ ގަޑިއިރަށް ކުރިއަށްގެންދާ މި ފޯރަމް އޮންނާނީ މިރޭ 8:30ގައެވެ.
ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ. މި ފޯރަމަށް އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުއްވުމަށްފަހު 300 އަށެވެ.
މިފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު، ޖެންޑާ މިނިސްޓަރު އާއިޝަތު ޝިހާމް އަދި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
ރައީސް ޑރ. މުއިއްޒު ނިންމަވާފައި ވަނީ ސީދާ އެ މަނިކުފާނު ވެސް ކޮންމެ ތިން މަހަކުން އެއް މަހު އެފަދަ ފޯރަމެއް ބާއްވަވައި ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަތުމަށެވެ.