ޤަވާއިދާއި ޚިލާފަށް ބިދޭސީން ވިޔަފާރިތައް ހިންގާ މައްސަ ހައްލުކުރުމަށް ރައްޔިތުންްނާއި ވިޔަފާރިވެރިންގެ އެއްބާރުލުން ބޭނުން ކަމަށް އިޤްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
"އަހާ" ނަމުގައި ކުރިއަށްގެންދާ ވަޒީރުންގެ ޕަބްލިކް ފޯރަމްގައި އާއްމު ރައްޔިތަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ޤަވާއިދާއި ޚިލާފަށް ބިދޭސީން ވިޔަފާރިތައް ހިންގާ މައްސަލައަކީ ސަރުކާރުންވެސް ކަންބޮޑުވާ މައްސަލައެއް ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރަމުންދާކަމަށާއި، އެކަމުގައި ރައްޔިތުން އަދި ވިޔަފާރިވެރިންގެ އެއްބާރުލުން ބޭނުންވާނެކަމަށެވެ.
"ވަރަށް ގިނަ ފަހަރަށް މިވާގޮތަކީ ދިވެހި ކޮންމެވެސް ބޭފުޅެއްގެ ނަމުގައި ވިޔަފާރި މިއޮންނަނީ ރަޖިސްޓްރީ ކޮށްފައި، އެ ރަޖިސްޓްރީ ކުރާ ފަރާތުން މިހަދާ ގޮތަކީ ބިދޭސީއަކަށް އެތަން ހިންގަން މިދެނީ. ދިނީމަ އާންމު އުސޫލުން އިންސްޕެކްޝަނާ ވަރަށް ގިނަ ހާލަތްތަކުގައި ކޮންމެވެސް ގޮތަކުން ޖަސްޓިފައި އެބަކުރޭ މިއީ ދިވެހި ވިޔަފާރިއެއްކަން. ދިވެހި ވިޔަފާރިއަކުން ވަޒީފާ ދީފައި ހުންނަ މީހެއްކަން. ދެން މިޖެހެނީ އަނެއްކާވެސް އެކަމާ ގުޅޭ އިދާރާއަކުން ނުވަތަ ތަނަކުން އޮޅުންފިލުވަން މިއީ ކިހިނެތްވާ ކަމެއްތޯ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ ބިދޭސީން ކުރާ ވިޔަފާރިތައް ބަލައި، އެކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިފައިވާނެ ކަމަށާއި އެ މައުލޫމާތު ފޯރުކޮށްދިނުމުން އެފަދަ ވިޔަފާރިތަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށެވެ.