ޑޮލަރުގެ މައްސަލަ މިއަހަރު ހަމައަކަށް އެޅުވުމުގެ މަސައްކަތް ކުރާނެކަމަށް އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މިފަދައިން ވިދާޅުވީ ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމުގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން، ވަޒީރު ވަނީ ކުދި ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
ވަޒީރު ސަޢީދު ވިދާޅުވީ "ރަސްމީ މާކެޓުގައި 15.42 އަކަށް ލިބެން ހުއްޓަސް ވަރަށް އެކްޓިވް ބްލެކް މާކެޓެއް އެބައޮތް. މި ހަގީގަތާ އަޅުގަނޑުމެން އެބަޖެހޭ ކުރިމަތިލާން. ރައީސްގެ މަސައްކަތްޕުޅުގައި ވަރަށް ޓާގެޓެޑް މަސައްކަތްތައް އެބަހުރި، އަޅުގަނޑު ޔަގީންކަން އަރުވަން މިއަހަރު ތެރޭގައި އެކްސްޗޭންޖް ރޭޓު ހަމައަކަށް އެޅުވުމުގެ މަސައްކަތް ކުރާނަން. މިހާރުވެސް އެ މަސައްކަތް ފަށާފައިވީ،" ކަމަށެވެ.
މީގެއިތުރުން ވަޒީރު ސަޢީދު ވިދާޅުވީ ކުދި ވިޔަފާރިތަކަށް ފައިސާ ދޫކުރުމަކީ ސަރުކާރުގެ "ހަފުތާ14" ގައި ވެސް ހިމެނޭ ކަމެއް ކަމަށާއި، އެކަން ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން، އެސްއެމްއީ ބޭންކާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ އިތުރުން ބޭރުގެ އެހީއާއެކު ކުދި ވިޔަފާރިތަކަށް ޚާއްސަކޮށްގެން ލޯނުތަކެއް ރާވަމުންގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ތެރެއިން 50 މިލިއަން ރުފިޔާ އާއި 100 މިލިއަން ރުފިޔާއާ ދެމެދުގެ ލޯނުތަކެއް އަންހެން ވިޔަފާރިވެރިންނަށް ދޭން ގަސްތުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.