"އަޅުގަނޑު ވަޒީރުކަން ކުރަމުން ދަނީ ވަރަށް އަމާނާތްތެރިކަމާއެކު މަސްއޫލިއްޔަތަށް އިސްކަން ދީގެން. އަމިއްލަ ނަފްސަށް ވުރެ ބޮޑު އިސްކަމެއް ދީގެން ހުރިހައި ޕާޓީ އެއްގެ މެންބަރުންނަކީ އަޚުންނާއި އުޚުތުންކަމުގައި ދެކިގެން.
އެމްޑީޕީއާއި އެޕާޓީއާ ގުޅިފައިވާ ފަރާތްތަކުން އަޅުގަނޑަށް ނަފްރަތުކުރަނީ ނާޤާބިލުވެގެން ހެއްޔެވެ؟ ނުވަތަ މިއީ ދާއިމީ ޒާތީ ކަމެއް ހެއްޔެވެ؟ އެދެވޭ ސަބަބެއްނެތި އެމްޑީޕީ އިން ރާއްޖޭގެ އިސްލާމީ ކަންކަން ހިންގަން ހުރި އެންމެ އިސް ފަރާތް ދުއްވާލަން އުޅުމުގެ ފަހަތުގައި އޮތީ ސިޔާސީ ސަބަބެއް ހެއްޔެވެ؟ ނުވަތަ ފޮރުވިފައިވާ ޙަޤީޤަތަކީ ކޮބައިތޯއެވެ؟."
މިއީ އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ވިދާޅުވެފައިވާ ބަސްފުޅުން ބައެކެވެ. އެމަނިކުފާނު އުފައްދަވާފައިވާ ސުވާލުތަކެވެ.
ޑރ. ޝަހީމް އެމަނިކުފާނުގެ ފޭސްބުކްގައި ކުރއްވާފައިވާ ޕޯސްޓް:
"އެމްޑީޕީ އިން އެތަށް އަހަރުވަންދެން އަޅުގަނޑުގެ އަބުރު ކަތިލި. އަޅުގަނޑާއި ދަރީންނަށް ދުއްތުރާކުރި. 2018 ގައި އިންތިޚާބުގައި ޓެރަރިސްޓަކަށް ހެދި. އޯއައިސީގެ ވަޒީފާއަށް ހުރަސް އެޅި. އެ ހުރިހައި ކަމެއް ގިރާކޮށް ﷲ ގެ ރަހްމަތުން އިސްލާމީ އުންމަތުގެ ޚިދުމަތުގައި މިހިސާބަށް އައީ.
މިއީ މި ވުޒާރާގެ ވަޒީރުކަން ކުރާ ތިން ވަނަ ފަހަރު. މި ވުޒާރާގެ ހިޔަލުގައި ފެންނަން ހުރި ކިތައްމެ ކަމެއްގައި އަޅުގަނޑުގެ ހިއްސާ އޮންނާނެ. އެމްޑީޕީ އަށް މަޖްލީހުގައި ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ރުހުން ނުދިނަސް އަޅުގަނޑުގެ ޚިދުމަތަކަށް ކުޑަވެސް ބަދަލެއް ނާންނާނެ. އިންޝާ ﷲ އަބަދުވެސް ދިވެހި ޤައުމާއި ރައްޔިތުންނާއި އުންމަތަށްޓަމައި ގަދަވެ ސަލާމަތުން ހުރިހައި ދުވަހަކު އަމިއްލަ ހައިސިއްޔަތުން ވެސް ޚިދުމަތުގައި ދެމި ހުންނާނެ.
ރައީސް ޑރ މުއިއްޒު އަޅުގަނޑާ ޙަވާލު ކުރެއްވި އަމާނާތް އިޚުލާޞްތެރިކަމާއެކު އަދާކުރަމުން މިއަންނަނީ ވަރުބަލިކަމެއްނެތި. ރައީސް އަބަދުވެސް އަޅުގަނޑަށް ދެއްވާ އެހީތެރިކަމާއި އިތުބާރަށް އަޅުގަނޑު ރައީސަށް ޝުކުރު ދަންނަވަން.
އަޅުގަނޑު ވަޒީރުކަން ކުރަމުން ދަނީ ވަރަށް އަމާނާތްތެރިކަމާއެކު މަސްއޫލިއްޔަތަށް އިސްކަން ދީގެން. އަމިއްލަ ނަފްސަށް ވުރެ ބޮޑު އިސްކަމެއް ދީގެން ހުރިހައި ޕާޓީ އެއްގެ މެންބަރުންނަކީ އަޚުންނާއި އުޚުތުންކަމުގައި ދެކިގެން. އެމްޑީޕީއާއި އެޕާޓީއާ ގުޅިފައިވާ ފަރާތްތަކުން އަޅުގަނޑަށް ނަފްރަތުކުރަނީ ނާޤާބިލުވެގެން ހެއްޔެވެ؟ ނުވަތަ މިއީ ދާއިމީ ޒާތީ ކަމެއް ހެއްޔެވެ؟ އެދެވޭ ސަބަބެއްނެތި އެމްޑީޕީ އިން ރާއްޖޭގެ އިސްލާމީ ކަންކަން ހިންގަން ހުރި އެންމެ އިސް ފަރާތް ދުއްވާލަން އުޅުމުގެ ފަހަތުގައި އޮތީ ސިޔާސީ ސަބަބެއް ހެއްޔެވެ؟ ނުވަތަ ފޮރުވިފައިވާ ޙަޤީޤަތަކީ ކޮބައިތޯއެވެ؟."
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު