މަސްއޫލިއްޔަތު އަދާކުރާނީ ލޯތްބާއި އިހުތިރާމާއެކު- ޝަހީމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
މަސްއޫލިއްޔަތު އަދާކުރާނީ ލޯތްބާއި އިހުތިރާމާއެކު- ޝަހީމް

 

އެންމެހައި ދިވެހި ރައްޔިތުންނާއި ހުރިހައި ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް އެއްވެސް ތަފާތު ކުރުމެއް ނެތި ލޯތްބާއި އިހްތިރާމާ އެކު މަސްއޫލިއްޔަތު އަދާކުރުން މަތީ ދެމިހުންނަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމް މިހެން ވިދާޅުވީ އިއްޔެ ވަޒީރުންނަށް ރުހުން ދިނުމަށް ބޭއްވި މަޖިލިސް ޖަލްސާގައި އެމަނިކުފާނަށް ރުހުން ނުދިނުމުން، ދެންވެސް ރައީސް ޑރ މުހައްމަދު މުއިއްޒު، އެމަނިކުފާނަށް އަލުން އަނބުރާ ކުރިއެކޭވެސް އެއްފަދައިން އިސްލާމިކް މިނިސްޓަރކަމުގެ މަގާމަށް އައްޔަނުކުރެއްވުމާ ގުޅިގެން ކުރެއްވި އެކްސްޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ޑރ ޝަހީމް ވަނީ ރައީސް ޑރ މުއިއްޒު އެމަނިކުފާނާ ހަވާލު ކުރެއްވި އަމާނާތް އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރައްވާނެކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.

"އިންޝާ الله އެންމެހައި ދިވެހި ރައްޔިތުންނާއި ހުރިހައި ސިޔަސީ ޕާޓީތަކުގެ މެންބަރުނަށް އެއްވެސް ތަފާތުކުރުމެއް ނެތި ލޯތްބާއި އިޙުތިރާމާއި އެކު މަސްއޫލިއްޔަތު އަދާކުރުން މަތީ ދެމިހުންނާނަން. ރައީސް ޙަވާލުކުރެއްވި އަމާނާތް އެންމެ ފުރިހަމަ ގޮތުގައި އަދާކުރާނަން އިންޝާ الله".  މިނިސްޓަރ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ރުހުން ނުދިން ވަޒީރުންނަކީ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރުއެވެ.

 

ޑރ. ޝަހީމަށް ރުހުން ދޭން ފެންނަ ކަމަށް 30 މެމްބަރުން ވޯޓްދެއްވި އިރު ރުހުން ދޭން ނުފެންނަ ކަމަށް 31 މެމްބަރަކު ވޯޓްދެއްވުމުގެ ސަބަބުން އެމަނިކުފާނަށް ރުހުން ނުދޭން މަޖިލިސް ނިންމެވިއެވެ. ނަމަވެސް އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޑރ މުހައްމަދު ޝަހީމް އަލީސައީދަށް އިސްލާމީކަންކަމާބެހޭ ވުޒާރާގެ ވަޒީރުކަން ދެއްވަވާފައެވެ.

 

 

މިއަދު އޮންލައިން