ޑރ. ޝަހީމުގެ ޚިދުމަތާމެދު ޝައްކުކުރުމެއް ނެތް! ވިރުވިޔަސް ރަން ދަގަނޑަކަށް ނުހެދޭނެ! ރަން ވާނީ ހަމަ ރަނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ޑރ. ޝަހީމުގެ ޚިދުމަތާމެދު ޝައްކުކުރުމެއް ނެތް! ވިރުވިޔަސް ރަން ދަގަނޑަކަށް ނުހެދޭނެ! ރަން ވާނީ ހަމަ ރަނަށް!

ރާއްޖޭގެ ފަހުގެ ވަޒީރުންގެ ތެރެއިން އެންމެ ޤާބިލު، އެންމެ ހިންގުންތެރި ވަޒީރަކީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކަމަށް ދެބަސްވެވޭނެ އެއްވެސް ގޮތެއް ނެތް ފުރަތަމަ ސަބަބަކީ ތަނަވަސްކަން ހުރި ބޭރުގެ ފަރާތްކަށާއި ޤައުމުތަކަށް ސަލާން ޖަހައިގެންވެސް ރާއްޖޭގެ އިސްލާމީ ކަންކަން ކުރިއަރުވަން ކުރައްވާ މަސައްކަތްތަކާއި މީގެކުރިން ނެރުއްވާފައިވާ ނަތީޖާއެވެ! 

ޒަކާތު ފަންޑަށް އެންމެ ބޮޑު ކުރިއެރުމެއްވެސް ހޯއްދަވާފައިވަނީ ޑރ. ޝަހީމްގެ މިނިސްޓަރުކަމުގައެވެ. މިސްކިތްތަކަށް ޚަރަދުކުރާނެ ފައިސާ ހޯދުމަށްޓަކައި ޢިމާރާތެއް އެޅުއްވިފައިވަނީވެސް ޑރ. ޝަހީމަށެވެ. 10 ބުރިއަށް ޑރ. ޝަހީމްގެ ވަޒީރު ކަމުގައި އެޅުއްވި ޢިމާރާތުން އަހަރަކު އެތައް މިލިއަން ރުފިޔާއެއް މިހާރުވެސް އެދަނީ ލިބެމުންނެވެ. އެހެން ވަޒީރުންނަށް ކުރެއްވޭ ކަމަކީ ޒަކާތު ފައިސާ އާއި ދައުލަތުގެ ބަޖެޓުން ލިބޭ އެއްޗެއް ޚަރަދުކުރެއްވުމެވެ. ފައިސާ އިތުރުވާނެ ކަމެއް ކުރެވިފައިވާކަން ހަމަޤައިމުވެސް ފެންނާކަށް ނެތެވެ! 

ދެން ބަލައިލަންވީ އިސްލާމިކް މިނިސްޓްރީ ހިންގުމަށެވެ. ނިމިދިއަ އެމްޑީޕީގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީ ނުހިންގިގެން ޢަދާލަތު ޕާޓީގައި ތިއްބެވި އިންޞާފަށް ލޯބިކުރައްވާ ބައެއް ޢިލްމުވެރިން ވަނީ ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ. އިސްލާމިކް މިނިސްޓްރީ ހިންގެވުމާއި ޙަވާލުވެވަޑައިގެން ދެއްވުމަށް ޑރ. ޝަހީމަށް ހުށަހެޅުނެވެ. 

ވީމާ އެއޮތީ އިސްލާމިކް މިނިސްޓްރީ ހިންގުމަށް އެންމެ ޤާބިލު ޞަޚްޞިއްޔަތަކީ ޑރ. ޝަހީމްކަން ނިމިގެންދިއަ އެމްޑީޕީގެ ސަރުކާރުން ޤަބޫލުކޮށްފައެވެ. ވީމާ އެއީ ސުވާލުއުފައްދަންޖެހޭ ކަމެއް ނޫނެވެ. 

ސުވާލަކީ ހަމަ އެ ޑރ. ޝަހީމް އިސްލާމިކް މިނިސްޓަރުކަމަށް މިސަރުކާރުން ޢައްޔަންކުރުމުން އެ އެމްޑީޕީން ރުހުން ނުދިނީ ކީއްވެގެން ހެއްޔެވެ؟ ރުހުން ނުދީ ތިބެފައި ބޮޑެތި ދޮގު ތުހުމަތުތަކެއް ޑރ. ޝަހީމަށް ކުރަނީ ކީއްވެގެން ހެއްޔެވެ؟ 

ޝައްކެއް ނެތް ގޮތުގައި އެއް ސަބަބަކީ ޑރ. ޝަހީމް އިސްލާމިކް މިނިސްޓްރީ ހިންގަވާނަމަ އެމިނިސްޓްރީގެ މަސައްކަތްތައް ކުރިއަރައިދާނެކަން ޔަޤީންކުރެވޭތީ، މިސަރުކާރަށް އެކަމުގެ ރީތިނަން ލިބޭނެތީ އެކަން ޙަޖަމު ނުކުރެވުމެވެ. 

ރައްޔިތުންގެ ގިނަ ބައަކު ތުހުމަތުކުރާ އެއްކަމަކީ ޙައްޖުކޯޓާ ދިނުމުގެ އުޞޫލަށް ގެނެވުނު ބަދަލެވެ. އެބަދަލުގެ ސަބަބުން ޑިމޮކްރެޓސްގެ 2 މެންބަރެއްގެ ޢާއިލީ 2 ގްރޫޕަކަށް ކޯޓާ ނުލިބޭނެ ކަމެވެ.

ސުވާލަކީ ކުޑައަގެއް ހުށަހަޅައިގެން ކޯޓާ ހޯދާފައި ހުށަހެޅި އަގުގެ 2 ގުނަ، 3 ގުނަ އިތުރަށް ނަގައިގެން ޙައްޖަށް މީހުން ގެންދަން ދޫކޮށްލަންވީހެއްޔެވެ؟ ނޫންނަމަ ކުޑަ އަގަކަށް ޙައްޖުވުމުގެ ފުރުޞަތު ރައްޔިތުންނަށް ދޭންވީހެއްޔެވެ؟ 

ސުވާލަކީ މިދިއަ ވެރިކަމުގައި އޭސީސީއަށް ރަތްކާޑު ދައްކާފައި ހުލުމާލޭގައި ހުރި ދަގަނޑުފުންޏަށް ހެދިގޮތަށް ކަންކަން ކުރަން ދޫކޮށްލަންވީހެއްޔެވެ؟ މިފަދަ ކިތަންމެ ކަމެއް ލިސްޓުގައި އެބައޮތެވެ. މިއަދަކީ އެކަންކަން ކުރަން ނެރުވުނުކަމަށްބުނާ މަތީފަރާތުގެ އަމުރުތަކުގެ މައްސަލަ ތަހްޤީޤްކޮށްލަންވީ ދުވަހެވެ.

ސުވާލަކީ ކޮރްޕަޝަން ހިންގަން ދޫކޮށްލަންވީހެއްޔެވެ؟ ހަމައާއި އިންޞާފުން އަދި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ކަންކަން ކުރަން މަސައްކަތްކުރަންވީ ހެއްޔެވެ؟ މިސުވާލުގެ ޖަވާބު ދޭނީ ރައްޔިތުންނެވެ. އެކަން ރައްޔިތުން ކުރާނެއެވެ! އިން ޝާ ﷲ

 

މިއަދު އޮންލައިން