އިސްލާމީ ވުޒާރާގެ މަސައްކަތްތައް ބާރަށް ކުރިއަށް! މެނިފެސްޓޯގެ އިސްލާމީ ދާއިރާގައި ބަޔާންވެފައިވާ ގިނަ ވަޢުދުތައް މިހާރު ވަނީ ފެށިފައި: ޑރ، ޝަހީމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 8މ 5ސ
އިސްލާމީ ވުޒާރާގެ މަސައްކަތްތައް ބާރަށް ކުރިއަށް! މެނިފެސްޓޯގެ އިސްލާމީ ދާއިރާގައި ބަޔާންވެފައިވާ ގިނަ ވަޢުދުތައް މިހާރު ވަނީ ފެށިފައި: ޑރ، ޝަހީމް

މިސަރުކާރުގެ ވެރިކަމުގައި ފާއިއތުވި 11 ހަފްތާގެ ކުރުމުއްދަތުގައިވެސް އިސްލާމީ ވުޒާރާގެ މަސައްކަތްތައް ވަރަށް ބާރަށް ގެންދެވިފައިވާ ކަމަށާއި (ގާތްގަނޑަކަށް) މެނިފެސްޓޯގެ އިސްލާމީ ދާއިރާގައި ބަޔާންވެފައިވާ ގިނަ ވަޢުދުތައް މިހާރު ވަނީ ފެށިފައިކަމަށް އިސްލާމީ ވަޒިރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

އަޅުގަނޑު ދަންނަވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ ފަރާތުން މިނިސްޓްރީގެ މެންޑޭޓުގައި ކަނޑައެޅިފަ ހުރި ކަންތައްތައް ޙާސިލް ކުރުމަށްޓަކައި، އަދި ހާއްސަކޮށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގަ ޤާއިމްވެފަހުރި އިސްލާމީ ދާއިރާތަކާއި ގުޅޭ ވަޢުދުތައް ހަޤީގަތަކަށް ހެދުމަށް ޓަކައި، ވޭތުވެދިޔަ 11 ވަރަކަށް ހަފްތާގެ ތެރޭގައި ވަރަށް ގިނަ މަސެއްކަތް ތަކެއް ވާނީ ކޮށްފައެވެ. ގާތްގަނޑަކަށް މެނިފެސްޓޯގެ އިސްލާމީ ދާއިރާގައި ބަޔާންވެފައިވާ ގިނަ ވަޢުދުތައް މިހާރު ވަނީ ފެށިފައޭ އަޅުގަނޑު ދަންނަވާނީ.

މި ދިޔަ މުއްދަތުގެ ތެރޭގައި މި ހުރިހާ ކަމެއްވެސް އަޅުގަނޑުމެންނަށް މި ހާސިލް ކުރެވުނީ، ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން މިކަންކަމުގަ ދެއްވި އެއްބާރު ލެއްވުމާއި އެހީތެރި ކަމުގެ ސަބަބުން. ހަޤީގަތުގަ ދަންނަވާނަމަ ފަސް އަހަރު ދުވަހަށް ބަހާލައިގެން ކުރަން ޖެހޭ ކަންތައްތަކުގެ ބޮޑު ބައެއް މިހާރު މިވަނީ ފެށިފަ. ދެން ހުރީ މިކަންތައްތައް އިތުރަށް ކުރިއަރުވާ ތަރައްޤީކުރުމުގެ ކަންތައްތައް. 

ޒަކާތުހައުސް އުފައްދައި މަސައްކަތްތައް ބާރަށް ކުރިއަށް! 

އެހެން ކަމުން މިނިސްޓްރީގެ ފަރާތުން މިހާރުވަނީ ޒަކާތު ހާއްސަ އިދާރާ ޤާއިމް ކޮށްފަ. އަދި އެ އިދާރާގެ މަސެއްކަތް ރައީސުލްޖުމްހޫރިއްޔާ މިއަދުގެ ރިޔާސީ ބަޔާނުގައިވެސް ވިދާޅުވި ފަދައިން މިހާރު އެދަނީ ހަމަ ވަރަށް ބާރުމިނުގަ ކުރިއަށް. މީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ކުރެވޭ ވަރަށް މުހިއްމު މަސެއްކަތްތަކެއް ކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވެނީ. ސަބަބަކީ، ޒަކާތުގެ، މުދަލުން ޒަކާތް ނެރުމާއި އޭގެ ޙައްޤުވެރިންނަށް ފޯރު ކޮށްދިނުމާއި މި ކަންކަމަކީ މިއީ އިސްލާމްދީނުގައި ނުހަނު މަތިވެރިކަމެއް އެކަމަށް ދެއްވާފައި ވާކަމެއް. "واقم اصلات واتذكات" ނަމާދު ޤާއިމް ކުރާށޭ، ޒަކާތް ދޭށޭ. ކީރިތި ޤުރުއާނުގެ އެތައް މަޤާމެއްގަ ބަޔާންވެފައި ވާ ކަމެއް މީ. އެހެންވީމަ އިސްލާމްދީނުގަ މިހާ މަތިވެރިކަމެއް، މުހިއްމު ކަމެއް ދެއްވާފައިވާ ރުކުނެއް، މުޖްތަމަޢުގައި ދިރުވާ، އެއަށް މީހުން ހޭލުންތެރިކޮށް މުދަލުން ޒަކާތް ނަގާ، އޭގެ ހައްޤުވެރިންނަށް ފޯރުކޮށް ދިނުމަށް ވަކި ޚާއްސަ މުއައްސަސާއެއް އެކަމަށްޓަކައި ޤާއިމް ވެގެން ދިއުމަކީ އެއީ ތާރީޚުގެ ގޮތުންވެސް ހަޤީގަތުގައި ފާހަގަ ކޮށްލަންޖެހޭ ކަމެއް އެއީ. އަޅުގަނޑު މި ފުރުސަތުގައިވެސް، ރައީސުލް ޖުމްހޫރިއްޔާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. 

މިސްކިތްތަކުގެ ކަންކަން ގާތުން ބެލެހެއްޓުން: މިސްކިތްތަކާއި ބެހޭ ޤައުމީ މަޖިލިސް އެކުލަވާލެވި މަސައްކަތް ފެށިއްޖެ! 

ދެން ހަމަ އެއާ އެކުގަ، ވަޢުދުގެ ތެރޭގައި ހިމެނޭ ކަމެއް އެއީ މިސްކިތް ތަކުގެ ކަންކަން ވަރަށް ގާތުން ބެލުމުގެ ކަންތައްތައް. މިކަމަށްޓަކައިވެސް މިހާރު ވަނީ މިސްކިތްތަކާއި ބެހޭ ޤައުމީ މަޖިލިސް އެކުލަވާ ލައްވާފަ. މަޖިލީހުގެ މަސެއްކަތްތައް މިހާރުވަނީ ފެށިފަ. އިރާދުކުރެއްވިއްޔާމު، އެ މަޖިލީހުގެ އިސްތިޝާރީ ލަފާ، ވުޒާރާ އަށާއި އަދި ކަމާ ބެހޭ އިދާރާތަކަށް ލިބިގެން ދާނެ. ރަށްރަށު ކައުންސިލް ތަކަށްވެސް. އެއީ މިސްކިތްތަކަކީ ދިވެހިރާއްޖޭގައިވެސް ޒަމާނުއްސުރެން ވަރަށް މުހިއްމު ކަމެއް ދޭ ތަންތަން މިސްކިތްތަކަކީ. ތާހިރުކޮށް ބެލެހެއްޓުމާއި، ރަނގަޅު އިމާމުން ލުމާއި، އެތާގައި ތިބޭ އިމާމުންނަކީ އެއީ ފެންވަރު ރަނގަޅު އިމާމުންގެ ގޮތުގައި ހެދުމާއި، މި ކަންކަމަކީ މީ އަޅުގަނޑުމެންގެ ޤައުމުގަ އިސްލާމީ ޤައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ދަމަހައްޓަން ޖެހޭ ކަންތައްތައް. އެހެންވީމަ އެކަން އިރާދުކުރެއްވިއްޔާމު ވަރަށް ހަމަ ރަނގަޅު މިނުގަ ކުރިއަށް އެބަދޭ އިނގޭތޯ. 

އަމާޒަކީ މިއަހަރު ޙައްޖަށް ފޮނުވާ 50 ފަޤީރުން ކަނޑައަޅައި މިމަސްތެރޭ އެކަން އެމީހުންނަށް އެންގުން- 

ދެން ވަޢުދުގެ ތެރޭގަ މި ހިމެނެނީ ފަޤީރުން ހައްޖަށް ފޮނުވުމުގެ ކަންތައްތައް. މިހާރު އެކަމާ ގުޅޭ އުސޫލު ވާނީ ޤެޒެޓް ކުރެވިފަ. އިރާދުކުރެއްވިއްޔާމު ކުރިއަށް މި އޮތް ދުވަސްތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން އެ 50 މީހުން އިޚްތިޔާރު ކޮށް ނިމި އެމީހުންނަށް އެމީހުން ހައްޖަށް ދެވޭނެކަމުގެ ޔަޤީންކަން ފޯރު ކޮށްދިނުން، އިން ޝާ ﷲ. އެހެންވީމަ އެކަންވެސް އެ ދަނީ ކުރިއަށް. 

ވަޤުފް ފަންޑުގެ މަސައްކަތް ފެށި ބާރަށް ކުރިއަށް! 

ދެން ހަމަ ވަޤުފްގެ ކަންތައްތައްވެސް އެދަނީ ހަމަ ފެށިގެން ކުރިއަށް. އަޅުގަނޑުމެންގެ އަމާޒަކީ މާތްﷲ އިރާދުކުރެއްވިއްޔާމު، ކުރިއަށް މިއޮތް މަހުގެ ތެރޭގައި އަޅުގަނޑުމެން ރާއްޖޭގައި މި ޤާއިމް ކުރާ އެންމެ ބޮޑު ވަޤުފް ޕްރޮޖެކްޓު ހުޅުމާލޭގައި ޤާއިމް ކުރަން. އެއީ ދާރުއްސަލާމް ކޮމްޕްލެކްސް، އެތަން ޤާއިމް ކުރުން. އެތަން ޤާއިމް ކުރެވިގެން ގޮއްސިކަމުގައި ވަނީނަމަ، އެތަނުން ލިބޭ ފައިދާ، އިސްލާމި ފަންޑަށް ޖަމާވެގެން ދާނީ. އެ ފަންޑުގެ ޒަރިއްޔާއިން އިސްލާމްދީނުގެ  ކަންކަމަށް ވަރަށް ބޮޑު ހޭދައެއް އިރާދުކުރެއްވިއްޔާމު ކުރެވިގެންދާނެ. އެހެންވީމަ، ދާއިމީ މުއައްސަސާތަކެއް  މިހާރު މިވަނީ ޤާއިމް ކުރެވިފަ. 

ރިސާލަތު ޕްރޮގްރާމް: ފެށިގެން ބާރަށް ކުރިއަށްދަނީ! 

ދެން އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ ރިސާލަތު ޕްރޮގްރާމް. މީ ޒުވާނުންނާއި އަދި މުޖްތަމަޢުގެ ހުރިހާ ފަންތިތަކަކަށް، ހުރިހާ ބަޔަކަށް. ކުޑަކުދިންނާ، ބޮޑެތިމީހުންނާ، ޒުވާނުންނާ، މުސްކުޅިންނާ، އިސްރަށްވެހިންނާ، މަސްވެރިންނާ، ވިޔަފާރިވެރިންނާ، ހުރިހާ އެންމެންނަށް. މިހާރު އަޅުގަނޑުމެން ކަނޑައަޅާފައި މިވާ ދަޢުވަތުގެ ޕްރޮގްރާމަކީ، މީ މި ފަހުގެ ތާރީޚުގައި ﷲ އިރާދަކުރެއްވިއްޔާމު ތަރުތީބު މަގުން، ވަކި މަންހަޖެއްގެ ތެރެއިން ކުރިއަށް ގެންދެވޭ، ވަކި އަމާޒުތަކެއް ޙާސިލްކުރުމަށް ގެންދެވޭ ޕްރޮގްރާމެއް. ތާރީޚުގައިވެސް، މި ފަހުގެ ތާރީޚުގަ މި ގޮތަށް ތަރުތީބުވެގެން، މަންހަޖެއްގެ ތެރެއިން ވަކި ކަމެއް ޙާސިލްކުރުމަށްޓަކައި، މިވަރުގެ ދަޢުވަތުގެ ޕްރޮގްރާމެއް ނެތް އިންތިޒާމްކުރެވިގެން ގެންގޮއްސައެއް. މީގަ އަޅުގަނޑުމެންގެ އަމާޒަކީ އިސްލާމްދީނުގެ ރުކުންތަކާއި ޢީމާން ކަމުގެ ރުކުންތަކާއި، އިޙްސާންކަމާއި އަދި ޢުއްމަތަށް ބޭނުންވާ މުހިންމު ފިލާވަޅުތަކުގެ މައްޗަށް އަޅުގަނޑުމެންގެ މުޖްތަމަޢު ހޭލުންތެރިކަން އިތުރު ކުރުވާ، މި ދީނުގެ އުސޫލުތައް ދެކެ މީހުން ހިތްތަކުގައި  ލޯބި އާލާކުރުން. ކުޑަކުދިންގެ ހިތްތަކުގަވެސް. 

އެހެންވީމަ، މީގެ އަމާޒު ހިފާފަވަނީ ޚިލާފު އުފެދޭ އެކިކަހަލަ މައުލޫތަކާއި ދުރުން، ނަމާދަކީ އަޅުގަނޑުމެންގެ އެއްވެސް މީހަކު ޚިލާފު ވާކަމެއް ނޫން، ޒަކާތަކީ ޚިލާފު ވާކަމެއް ނޫން. ޙައްޖަކީ ޚިލާފުއޮތް ކަމެއް ނޫން. ޢީމާންކަމުގެ ރުކުން، ﷲ އަށް ޢީމާންވުން، އާޚިރަތް ދުވަހަށް ޢީމާންވުން. އެކަމަކު، މި ކަންކަމަކީ ޚިލާފު ހުރި ކަންތައްތަކެއް ނޫން. އެހެންވެ، މި ކަންކަމަށް މި ބޭނުންވަނީ އިތުރަށް ހަނދާން ކޮށްދިނުމާއި، އަދި އަޅުގަނޑުމެންގެ ހެދިބޮޑުވަމުން އަންނަ ކުޑަކުދިންގެ ޖީލަށް ޝަހާދަތުގެ މާނައާއި އޭގެ މަފްހޫމް އުނގަންނާދިނުމާއި، ރަސޫލުﷲ ޟައްލަﷲ ޢަލައިހި ވަސައްލަމްގެ ޝަހްސިއްޔަތު ތަޢާރަފް ކޮށްދިނުމާއި، އެހެހްނޫންތޯ، އެކަލޭގެފާނު ދެކެ ލޯބިވުމާއި، އެކަލޭގެފާނުގެ އާލުބައިތުންނަކީ ކޮންބައެއްކަން ދެނެގަތުމާއި، ﷲ އަށް ޢީމާންވާ މީހާ ޤަބޫލު ކުރަންޖެހޭ ކަންތަކާއި، އާޚިރަތް ދުވަހަށް ޢީމާންވާ މީހާ ޤަގޫލު ކުރަންޖެހޭ ކަންތަކާއި، އެހެންވީމަ މިހާރު މިއޮތް ޖީލު އިސްލާމް ދީނުގެ އަސްލުތަކުގެ މައްޗަށް ހޭލުންތެރިކަން އިތުރު ކުރުމާއި،އެމީހުންގެ ހިތްތަކުގައި ދީނީ ރޫޙު އާލާކުރުން މި ޕްރޮގްރާމްގެ މަޤްސަދަކީ. އެހެންވީމަ، ރިސާލަތު ޕްރޮގްރާމް މިހާރު ފެށިގެން މިދިޔަ މުއްދަތުގެ ތެރޭގައިވެސް ގާތް ގަނޑަކަށް 95 ޕްރޮގްރާމަށްވުރެ ގިނަ ޕްރޮގްރާމް މިހާރު އެކި ތަންތާ އިވެންޓްސް ބޭއްވިއްޖެ. އޭގެ ތެރޭގައި، ޒުވާނުންނާ އެއްކޮށްވެސް. 

ކުރީގަ މި އޮންނަނީ، ޕްރޮގްރާމްތަކެއް ގެންދެވޭ މައްސަލައެއް ނޫން. އެއީ ރަނގަޅު ވާހަކައެއް، ޕްރޮގްރާމްތަކެއް ގެންދޭ އެކި މައުލޫތަކަށް ރަށްރަށުގެ މިސްކިތުގައިވެސް. އެކަމަކު މި ހުރިހާ ސަފުތަކަކަށް ބެހިގެން މި ޕްރޮގްރާމްތަކެއް މިހާ ތަރުތީބުން މި ގެންދެވެނީ މި ފަހަރު. އެހެންވީމަ، އޭގެ ނަތީޖާ ވަރަށް ރަނގަޅު. ކޮމެންޓްސް ތައް ސޯޝަލް މީޑިޔާގައި އެކިއެކި ބޭފުޅުން ފާޅުކުރައްވާފައި ހުންނަ ކޮމެންޓްސް ތައް އަޅުގަނޑު ބަލާލަން. ވަރަށް ބޮޑަށް މީހުންގެ އުފާވެރިކަން އެބައޮތް ޕްރޮގްރާމާ ދޭތެރޭގަ. އަޅުގަނޑުމެން މި ބަލަނީ، މިހާރު އަދި ޕްރޮގްރާމް އެކަށައަޅައިގެން ކުރިއަށް ގެންދާ ފުރަތަމަ ކޮޅު މިހާރު މި ބަލަނީ ގެންދެވޭ ގޮތާއި، މި އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންތަކާއި މިކަން. އިރާދުކުރެއްވިއްޔާ  މުޅި ރާއްޖޭގައިވެސް މި ޕްރޮގްރާމް މީ ކުރިއަށް ގެންދެވޭނެ އިންޝާﷲ. 

- އިސްލާމީ ވަޒިރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުން-

މިއަދު އޮންލައިން