ޙައްޖަށްދާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ސަޢުދީގަ ތިބި ދިވެހި ދަރިވަރުންނަށް ދެއްވުމުން އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސަޢުދީ ސަރުކާރަށާއި ސަޢުދީ ޙައްޖު ވުޒާރާއަށް ޚާއްޞަ ޝުކުރެއް އަދާކުރައްވައިފިއެވެ.
ޑރ. ޝަހީމް ވިދާޅުވީ ސަޢުދިޢަރަބިޔާގައި ގިނަ ޤައުމުތަކެއްގެ ދަރިވަރުން ކިޔަވަންތިބިނަމަވެސް މިއީ ޢާންމުކޮށް ހުރިހާ ޤައުމުތަކަށް ދެއްވަވާ ފުރުޞަތެއް ނޫންކަމަށެވެ. އަދި ރާއްޖެއަށް މިފުރުޞަތު ދެއްވީ އިސްލާމިކް މިނިސްޓްރީން ހުށަހެޅި ޚާއްޞަ ޕްރޮޕޯސަލަކާއި ގުޅިގެން ކަމަށެވެ. "މިއީ ރާއްޖެއަށް ފަހިވި ވަރަށް ޚާއްޞަ ފުރުޞަތެއް."
މިއީ ދަރިވަރުންނަށްވެސް ޙައްޖުގެ އަޅުކަން އަދާކުރަން ލިބިގެންދާނެ ފުރުޞަތަކަށްވުމުން ދަރިވަރުންނަށްވެސް އެކަންވެގެންދާނީ ވަރަށް ރަނގަޅު ފުރުޞަތެކެވެ. ޑރ. ޝަހީމް ވިދާޅުވީ ބަސްދަތުރުތަކުގައާއި ދާންޖެހޭ ތަންތަނުގައި ޢަރަބިބަހުން މުޢާމަލާތުކުރަންޖެހޭތީ މިކަމުގެ ސަބަބުން ޙައްޖުވެރިންނަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ މިކަމާއި ގުޅިގެން ސަޢުދީގެ ޔުނިވަރސިޓިތަކުގައި ކިޔަވަންތިބި ދިވެހި ދަރިވަރުންގެ ދަފްތަރެއް އެކުލަވައިލައްވާނެކަމަށާއި ހަމަޖެއްސެން އޮތް ޢަދަދަކަށް ކޮންމެ އަހަރަކުވެސް ދަރިވަރުން ހަމަޖައްސަވާނެކަމަށެވެ. އަދި އެކަން ކުރިއަށް ގެންދާނީ މޯލްޑިވްސް ޙައްޖު ކޯޕޮރޭޝަނުން ކަމަށެވެ.
ޑރ. ޝަހީމް ވަނީ ޙައްޖާއި ގުޅުން ހުންނަ ކަމުގައާއި އެއިގެ އިތުރުންވެސް އިސްލާމިކް މިނިސްޓްރީގެ ކަންކަމަށް ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީން ދެއްވާ އެއްބާރުލުން ފާހަގަ ކުރައްވައި ސަފީރަށާއި އެމްބަސީގެ ހުރިހާ މުވައްޒިފުންނަށްވެސް ޝުކުރު އަދާކުރައްވައިފައެވެ.