މެންބަރުންގެ އަަދަދާ ބެހޭ ސުޕްރީމް ކޯޓުގެ ޙުކުމަށް ޢަމަލު ނުކުރަން މަޖިލީހުން ފާސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
މެންބަރުންގެ އަަދަދާ ބެހޭ ސުޕްރީމް ކޯޓުގެ ޙުކުމަށް ޢަމަލު ނުކުރަން މަޖިލީހުން ފާސްކޮށްފި

ސަރުކާރުގެ މަގާމުތަކަށް ދާން މެމްބަރުކަމުން އިސްތިއުފާ ދިން މެމްބަރުންގެ ގޮނޑިތައް ނުހިމަނައި މެންބަރުން ޖުމްލަ އަދަދު ގުނުން ގޯސް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް އަމަލުނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ، މަޖިލީހުގެ ޖުމުލަ މެންބަރުންގެ ޢަދަދު ގުނާއިރު އިސްތިއުފާ ދިން މެންބަރުން ނުގުނައި ގޮތަށް ގަވާއިދަށް ގެނައި އިސްލާހު، އުވާލަން ހުށަޢަޅުއްވާފައެވެ.

އަސްލަމް ވިދާޅުވީ، ސުޕްރީމް ކޯޓުން ކުރި ހުކުމުން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލު ގާނޫނުއަސާސީއާ ޚިލާފު ކަމަށް ކަނޑައަޅުއްވާފައިވާތީ، ގަވާއިދަށް ގެނައި އެއިޞްލާހު އުވާލަން ހުށަހަޅުއްވާ ކަމަށެވެ.

މި މައްސަލައަށް މެންބަރުން ބަހުސްކުރިއިރު ސަރުކާރަށް ތާއީދުކުރާ މެންބަރުން ފިޔަވައި ގިނަ މެންބަރުން ވާހަކަދެއްކެވީ ޖުމްލަ އަދަދު ގުނުމުގައި ހުސްގޮނޑި ގުނަން ނުޖެހޭނެ ކަމަށެވެ.

ބަހުސްގެ ތެރެއިން ވިލިނގިލީ ދާއިރާގެ އެމްޑީޕީ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ހުކުމަށް އަމަލުނުކޮށް، މަޖިލީހުގެ ޖުމްލަ އަދަދަކީ 80 ކަމަށް ބަލައިގެން މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުށަހެޅި ހުށަހެޅުން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މިގޮތަށް ފާސްވުމާއި ގުޅިގެން ދެން މަޖިލީހުގެ ޖަލްސާތަކުގައި ވޯޓު ނެގުމުގައި މަޖިލީހުގެ ޖުމްލަ ޢަދަދުކަމުގައި މަޖިލީހުގެ ރިޔާސަތުން ބަލަމުންދާނީ 80 މެންބަރުންކަމުގައި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން