ގޮހޮރު ބެދުން - ފުރާނައަށް ނުރައްކާ ވެދާނެ ހާލަތެއް! - ފުރަތަމަ ބައި

ކިޔުމަށް ހޭދަވާނީ 2މ 54ސ
ގޮހޮރު ބެދުން - ފުރާނައަށް ނުރައްކާ ވެދާނެ ހާލަތެއް! - ފުރަތަމަ ބައި

އުންމު ނަވާރު

 

ގޮހޮރު ބެދުން (ބްލޮކޭޖް) ނުވަތަ ބައުލް އޮބްސްޓްރަކްޝަންއަކީ ކުޑަ ގޮހޮރުން ނުވަތަ ބޮޑު ގޮހޮރުން ބައެއް ނުވަތަ ގޮހޮރު އެއްކޮށް ބޮލޮކްވުމުން (ބެދުމުން) ކުރިމަތިވާ ނުރައްކާތެރި ހާލަތެކެވެ. ގޮހޮރު އެއްކޮށް ބެދުމުން ފަރުވާއެއް ނުކޮށް ހުރުމަކީ ފުރާނައަށް ނުރައްކާވެދާނެކަމެކެވެ. ކުޑަ ގޮހޮރާއި ބޮޑު ގޮހޮރަކީ ހަޖަމުކުރާ ނިޒާމުގެ ބައެކެވެ. ގޮހޮރު ބެދުމުން ހަޖަމުކުރާ ނިޒާމަށް އަސަރުކުރެއެވެ. މިހެންވުމުގެ ސަބަބުން ބޮޑުކަމުދާއެއްޗެހި އަދި ވައި ބޭރުކުރަން އުނދަގޫވެގެންދެއެވެ. ބައެއް ހާލަތްތަކުގައި އެއްވެސް ވަރަކަށް ވައި ބޭރުނުވެ އަދި ބޮޑުކަމުވެސް ނުދެވެއެވެ. 

ގިނަފަހަރު އޮބްސްޓްރަކްޝަން ކުރިމަތިވަނީ ކުޑަ ގޮހުރަށެވެ. ކުޑަ ގޮހޮރުން ކާއެއްޗެހި ހަޖަމްކޮށްދީ އޭގެން ނިއުޓްރިއަންޓްސްއާއި ފެން ހަށިގަނޑަށް ނަގައިދެއެވެ. ބާކީ ހުންނަ ކުނިބުނި ބޮޑު ގޮހޮރަށް ފޮނުވާދެއެވެ. ކުޑަ ގޮހޮރަށް އޮބްސްޓްރަކްޝަން ކުރިމަތި ވެއްޖަނަމަ، ކުޑަ ގޮހޮރުން ހަޖަމް ކޮށްދީފައިވާ ކާއެއްޗެހި ބޮޑު ގޮހޮރަށް ފޯރުވައި ނުދެއެވެ. ބޮޑު ގޮހޮރުން ކުނިބުނި ބޮޑުކަމުދާ އެއްޗައްސަށް ބަދަލުކޮށްދީ ހަށިގަނޑުން ބޭރުކޮށްދެއެވެ. ބޮޑު ގޮހުރުގެ އޮބްސްޓްރަކްޝަންއަކީ އިންޓަސްޓިއަލް ބޮލޮކޭޖްގެ ގާތްގަނޑަށް 20 އިންސައްތައެވެ. ބޮޑު ގޮހޮރަށް އޮބްސްޓްރަކްޝަން ކުރިމަތިވެއްޖެނަމަ ހަށިގަނޑުން ބޮޑުކަމުދާ އެއްޗެހި ބޭރުވުން ލަސްކޮށްދެއެވެ. ނުވަތަ ހަށިގަނޑުން ބޮޑުކުކަމުދާ އެއްޗެހި ބޭރުކޮށްނުދެއެވެ. 

ކުޑަ ގޮހޮރާއި ބޮޑު ގޮހޮރުގެ ބައުލް އޮބްސްޓްރަކްޝަންގެ 3 ހާލަތެއްވެއެވެ. އެއީ:

(Partial Obstruction)ޕާޝަލް އޮބްސްޓްރަކްޝަން

ޕާޝަލް އޮބްސްޓްރަކްޝަންގައި ގޮހޮރުން ބައެއް ހުންނާނީ ބްލޮކްވެފައެވެ. ( ބެނދިފައެވެ.) މިހާލަތުގައި ކޮންމެވެސް ވަރަކަށް ގޭހާއި ކާއެއްޗެއްސާއި އަދި ފެން ގޮހޮރުން ދައުރު ކޮށްދޭނެއެވެ.

(complete obstruction)ކޮމްޕްލީޓް އޮބްސްޓްރަކްޝަން

ކޮމްޕްލީޓް އޮބްސްޓްރަކްޝަންގައި ގޮހުރު އެއްކޮށް ބްލޮކްވާނެއެވެ. އެއްވެސް އެއްޗެއް ގޮހޮރުން ދައުރު ނުކޮށްދޭނެއެވެ. މިއީ ފުރާނައަށް ނުރައްކާވާ ފަދަ ކުއްލި ހާލަތެކެވެ. މިފަދަ ހާލަތުގައި އެމަރޖެންސީ ސާޖަރީއެއް ކުރަން ޖެހިދާނެއެވެ.

(Pseudo-obstruction) ސޫޑޯ- އޮބްސްޓްރަކްޝަން

ސޫޑޯ- އޮބްސްޓްރަކްޝަންއަކީ އޮބްސްޓްރަކްޝަންގެ އަލާމާތްތައް ފެނުނު ނަމަވެސް ހަގީގަތުގައި ގޮހޮރުގައި ބްލޮކޭޖެއް ނުފެނުމެވެ. މިގޮތަށް ދިމާވަނީ ގެސްޓްރޮއިންޓެސްޓިނަލް މަސްތަކަށް ދިމާވާ މައްސަލަތަކުގެ ސަބަބުން ނުވަތަ އެމަސްތައް ކޮންޓްރޯލްކުރާ ނާރުތަކަށް ދިމާވާ މައްސަލަތަކެއްގެ ސަބަބުންނެވެ. އޮޕިއޮއިޑް ޑްރަގްސްގެ ( އޮޕިއޮއިޑްސް އަކީ ސިކުނޑީގެ ސެލްތަކާ އެކު މަސައްކަތް ކުރާ ތަދު ފިލުވައިދޭ ބޭސްތަކުގެ ވައްތަރެކެވެ.) ސަބަބުންވެސް އެކަން މެދުވެރިވެދާނެއެވެ.

ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތުތަކަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫންކަމުގައި ދަންނަވަމެވެ. 

ލިޔުނީ: އުންމު ނަވާރު 

މަސްދަރު

https://www.webmd.com/digestive-disorders/what-is-bowel-obstruction

https://my.clevelandclinic.org/health/diseases/bowel-obstruction

https://www.mayoclinic.org/diseases-conditions/intestinal-obstruction/symptoms-causes/syc-20351460

https://www.mayoclinic.org/diseases-conditions/prescription-drug-abuse/expert-answers/what-are-opioids/faq-20381270

 

މިއަދު އޮންލައިން