ރާއްޖެ އިން ބޭރަށް ސީދާ ފްލައިޓްތަކެއް ބާއްވަން ސަރުކާރުން ނިންމުމާ ގުޅިގެން، ގައުމީ އެއާލައިން، މޯލްޑިވިއަނަށް ވައިޑް-ބޮޑީ އެއަރބަސް އޭ 330-200ގެ މަތިންދާބޯޓެއް ރާއްޖެ ގެނައުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސެވެ. އަދި ޓްރޫނޯޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީސީއޯ ކާރްސްޓް ލިންޑާބޫމްއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ފެށުމާއެކު ފަތުރުވެރިކަމުގެ ދާއިރާއަށާއި ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން އެކަމުގެ ސަބަބުން މީހުން އުފުލޭ މިންވަރު އިތުރުވެ، ނަތީޖާއެއްގެ ގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިމަސައްކަތް ޙަޤީޤަތަކަށްވެގެން މިދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ކަމަށާއި، މިކަން ޙަޤީޤަތަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މޯލްޑިވިއަންއިން ބުނީ، އެކުންފުނީގެ ފްލީޓަށް އެ މަތިންދާބޯޓު ތައާރަފްކުރުމުން އެއާލައިންގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުވާނެ ކަމަށާއި އިތުރު މަންޒިލްތައް ހޯދުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ.
މި ބޯޓު 13000 ކިލޯ މީޓަރު ދުރަށް އެއްވެސް އެއާޕޯޓެއްގައި ނުޖައްސާ ޑައިރެކްޓުކޮށް ދަތުރުކުރާނެއެވެ.